11 May 2010, 14:59
19:00
އިނގިރޭސިވިލާތުގައި މިދިޔަ ހަފްތާގައި ބޭއްވި އާންމު އިންތިޚާބުތަކުން ވެރިކަން ކުރާ ލޭބާ ޕާޓީއަށް ނާކާމިޔާބުވުމާ ގުޅިގެން އެޕާޓީގެ ލީޑަރުކަމުން ބޮޑުވަޒީރު ގޯޑަން ބްރައުން މިއަހަރު ތެރޭ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފި އެވެ.
ބްރައުން ވިދާޅުވެފައިވަނީ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް އޭނާ މިނިންމެވީ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބި ކޯލިޝަން ސަރުކާރެއް ގާއިމުކުރަން ޖެހުމާއެކު ލިބަރަލް ޑިމޮކްރެޓިކް ޕާޓީއާ އެކު އިއްތިހާދެއް ގާއިމުކުރުމަށް ލޭބާ ޕާޓީއަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ.
ބްރައުން މިހެން ވިދާޅުވެފައި މިވަނީ އިއްތިހާދެއް ހަދަން ޖެހިއްޖެ ހާލަތެއްގައި ލޭބާ ޕާޓީގެ ލީޑަރުކަމުގައި ބްރައުން ހުންނެވި ހާ ހިނދަކު އެޕާޓީއާ އިއްތިހާދުނުވާނެ ކަމަށް ލިބަރަލް ޑިމޮކްރޭޓުންގެ ލީޑަރު ނިކް ކްލެގް ވިދާޅުވެފައި އޮތުމާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ޓަކައި 326 ގޮނޑި ކާމިޔާބުކުރަން ޖެހޭއިރު އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވާ ކޮންޒަވޭޓިވް ޕާޓީއަށް ކާމިޔާބުކުރެވިފައިވަނީ 306 ގޮނޑި އެވެ. ލޭބާ ޕާޓީން 258 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ލިބަރަލް ޑިމޮކްރޭޓުންނަށް ކާމިޔާބުކުރެވިފައިވަނީ 57 ގޮނޑި އެވެ. އެހެންކަމުން ކޮންޒަވޭޓިވް ޕާޓީންނާއި ލޭބާ ޕާޓީން ވެސް ދަނީ ލިބަރަލް ޑިމޮކްރޭޓުންނާ އެކު އިއްތިހާދެއް ގާއިމުކުރުމަށް މަޝްވަރާތައް ބާއްވަމުންނެވެ.
އިސްތިއުފާ ދެއްވަން ނިންމެވުމަށް ފަހު ބްރައުން އިތުރަށް ވިދާޅުވެފައިވަނީ އޭނާއަށް ރައްޔިތުންގެ ތާއީދު ލިބިފައިނުވާ ކަން އިންތިޚާބުގެ ނަތީޖާއިން ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފިކަމަށެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.