02 Feb 2017, 11:08
ޝާހު ރުކް ޚާންގެ އެންމެ ފަހުގެ ފިލްމު 'ރައީސް' އަށް ފުރަތަމަ ހަފްތާގައި 100 ކްރޯޑު ރުޕީޒްގެ އާމްދަނީ އެއް ލިބިއްޖެ އެވެ.
ބޮކްސް އޮފީސް އިންޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި ހަތް ދުވަސް ތެރޭގައި ރައީސް އަށް ވަނީ 103.50 ކުރޯޑު ރުޕީޒް ލިބިފައެވެ. މިދިޔަ އަންގާރަ ދުވަހު އެ ފިލްމަށް 5.25 ކުރޯޑު ލިބުނު އިރު، އެއީ މިހާތަނަށް އެ ފިލްމަށް އެންމެ ކުޑަ އާމްދަނީ އެއް ލިބުނު ދުވަހެވެ.
ރައީސްގެ ކާމިޔާބީ ފާހަގަ ކުރުމަށް ފިލްމުގެ ޓީމުން ވަނީ ޕާޓީއެއް ވެސް ބާއްވައިފައެވެ.
ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި ބުދަ ދުވަހާ ހަމައަށް ފިލްމަށް 110 ކުރޯޑަށް ވުރެ ބޮޑު އާމްދަނީ އެއް ލިބޭނެ އެވެ. ނަމަވެސް އޭގެ ފަހުން ފިލްމަށް ލިބޭ އާމްދަނީ ދަށަށް ދާނެ ކަމަށް ބެލެވެ އެވެ.
'ރައީސް' އެންމެ ފުރަތަމަ ރިލީޒް ކުރަން ހަމަޖެއްސީ މިދިޔަ އަހަރުގެ އީދު ބަންދާ ދިމާކޮށެވެ. ނަމަވެސް ސަލްމާން ޚާންގެ 'ސުލްތާން' ވެސް އެ ދުވަހު ރިލީޒް ކުރާތީ، ރައީސް ރިލީޒް ކުރުން ވަނީ ފަސްކޮށްފައެވެ.
މިދިޔަ ބުދަ ދުވަހު ރައީސް ރިލީޒް ކޮށްފައި ވަނީ ރިތިކް ރޯޝަންގެ 'ކާބިލް' އާވެސް އެކު އެވެ. ނަމަވެސް ކާބިލް އަށް ފުރަތަމަ ދުވަހު ލިބިފައި ވަނީ 7.75 ކުރޯޑު ރުޕީޒް އެވެ. ކާބިލް އަށް މިހާތަނަށް ލިބިފައި ވަނީ 61.50 ކުރޯޑެވެ.
ރައީސްގައި ޝާހު ފެނިގެން ދަނީ އިންޑިއާގެ ގުޖުރާތުގައި ގާނޫނާ ޚިލާފަށް ބަނގުރަލުގެ ވިޔަފާރި ކުރާ ރައީސް އަލަމް ކިޔާ މީހެއްގެ ރޯލުންނެވެ. ފިލްމުގައި ޝާހު ދައްކުވައިދީފައިވާ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ފިލްމުގައި ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީގީ ފެނިގެންދަނީ ފުލުހެއްގެ ރޯލުންނެވެ. އަދި ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން ފެނިގެން ދަނީ ޝާހުގެ އަނބިމީހާގެ ރޯލުންނެވެ. އެ ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ރާހުލް ޑޯލަކިއާ އެވެ.