02 Feb 2017, 10:49
އިންޑިއާގެ ބިހާރުގައި އޮންނަ މުޒައްފަރުޕޫރުގައި 20 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ކޮންމެ އަހަރެއްގެ މޭ މަހާއި ޖޫން މަހާ ދިމާކޮށް ކުއްލި ގޮތަކަށް ކުޑަކުދިން މަރުވަމުން ދިޔައެވެ.
އެކުދިންގެ ގައިން ހުމުގެ އަލާމާތްތައް ފެނުމަށް ފަހު ފިޓު ޖެހެނީ އެވެ. އަދި ގިނަގިނައިން ހޭ ނެތެނީ އެވެ. އެފަދަ އަލާމާތްތައް ފެނިގެން 2014 ވަނަ އަހަރު 390 ކުޑަކުދިން ބިހާރުގެ ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރި އެވެ. ނަމަވެސް އެކުދިން ބަލިވާން މެދުވެރިވި ސަބަބު ނޭނގޭނީސް އޭގެ ތެރެއިން 122 ކުދިން މަރުވި އެވެ.
ނަމަވެސް މެޑިކަލް ޖާނަލްއެއް ކަމަށްވާ ދި ލާންސެޓުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ސައިންސުވެރިން ވަނީ އެކުދިން މަރުވާން މެދުވެރިވި ސަބަބު ހޯދައިފައެވެ. އެ ޖާނަލްގައިވާ ގޮތުން އެކުދިން މަރުވީ ހުސްބަނޑާ ތިބެ މާގިނައިން ލައިޗީ ކެއުމުންނެވެ.
ބިހާރަކީ މުޅި އިންޑިއާއިން ވެސް އެންމެ ގިނައިން ލައިޗީ އުފައްދާ ސްޓޭޓެވެ. އަދި އެ ސްޓޭޓުން މަރުވި ގިނަ ކުޑަކުދިންނަކީ ލައިޗީ އިންދާ ދަނޑުތަކުގައި ބިމަށްވެއްޓިފައިވާ ލައިޗީ ގިނަގިނައިން ކާ، ފަގީރު ކުދިން ކަމަށް ޖާނަލްގައިވެ އެވެ.
ލާންސެޓުގައިވާ ގޮތުން ހައިޕޯގްލައިސިން ކިޔާ މާއްދާއެއް ލައިޗީގައި ހިމެނެ އެވެ. އެ މާއްދާގެ ސަބަބުން ހަށިގަނޑުން ހަކުރު (ގުލްކޯޒް) އުފައްދާ މިންވަރު މަދުވެ އެވެ. އަދި ހުސްބަނޑާ ތިބުމުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެފައި ވަނިކޮށް ލައިޗީ ކެއުމަކީ ހަކުރު ހުންނަ މިންވަރު އިތުރަށް ދަށްވެ، ނުރައްކާ ބޮޑުވާ ކަމެކެވެ.
އެގޮތުން ސައިންސުވެރިން ބުނާ ގޮތުގައި އޭގެ ސަބަބުން ސިކުނޑި ދުޅަވާން މެދުވެރިވެ އެވެ. އަދި ރޭގަނޑު ނިދަން ތިބެފައި ކުއްލިއަކަށް ހޭލެވި، ފިޓު ޖެހި، ހޭ ނެތެނީ އޭގެ ސަބަބުން ކަމަށް ލާންސެޓްގައިވެ އެވެ.
އިންޑިއާގައި ކުޑަކުދިން މަރުވަމުން ދިޔަ ސަބަބަކީ އެއީކަން ސައިންސުވެރީންނަށް އެނގުނީ ކެރީބިއަން ރަށްތަކުގައި ވެސް ގިނަ ކުޑަކުދިންތަކަކަށް ފިޓު ޖެހި، ސިކުނޑި ދުޅަވާން ފެށުމުންނެވެ.
އެކުދިންނަށް އެހެން ދިމާވީ ހައިޕޯގްލައިސިން ހިމެނޭ އަކީ ނަމަކަށް ކިޔާ މޭވާއެއް ކެއުމުންނެވެ. އަދި އޭގެ ފަހުން ސައިންސުވެރިން ހެދި ޓެސްޓުތަކުން ލައިޗީގައިވެސް ހައިޕޯގްލައިސިން ހިމެނޭ ކަމަށް ދިރާސާތަކުން ދެއްކި އެވެ.
އެއާއެކު ސިއްހީ މާހިރުން ވަނީ ލައިޗީ ކައިގެން އެފަދަ އަލާމާތްތައް ފެންނަ ކުޑަކުދިންގެ ހަކުރު މަތި ކުރުމަށް މަސައްކަތް ކުރުމަށް ބުނެފައެވެ. އަދި ކުޑަކުދިން ރޭގަނޑު ރަނގަޅަށް ކާކަން ޔަގީން ކުރުމަށާއި ލައިޗީ ކާ މިންވަރު ކޮންޓްރޯލް ކުރުމަށް ގޮވާލާފައެވެ.
އަދި އޭގެ ފަހުން އެފަދަ އަލާމާތްތަކުގެ ސަބަބުން މަރުވާ ކުޑަކުދިންގެ އަދަދު ވަނީ އަހަރަކު ގާތްގަނޑަކަށް 50 ކުދިންނަށް މަދުވެފައި ކަމަށް ނިއު ޔޯކް ޓައިމްސްގައިވެ އެވެ. (ބީބީސީ)