26 Jun 2011, 11:27
ބޯޓު ދަތުރުކުރާ މީހުން ރާއްޖޭގައި ވަރަށް ބޮޑަށް މަދުވެ، އަހަރެއްގެތެރޭގައި އެ ސިނާއަތުން ރާއްޖެއަށް ވަންނަމުދިޔަ 25 މިލިއަން ޑޮލަރުގެ އާމްދަނީ ހަ މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޯޓު ދަތުރުކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހި ސީފެއަރަރޒް އެންޑް ލޭބާ ޔޫނިއަނުން ރޭ ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ކަނޑުގެ ދަތުރުފަތުރަށް ކުޅަދާނަ އަދި އެ ސިނާއަތުން ބޮޑު ފައިދާއެއް ހޯދާ ބަޔަކަށް ވިޔަސް އެ ސިނާއަތު މިހާރު ވަނީ ވަރަށް ބޮޑަށް ހީނަރުވެ އެއިން ލިބޭ އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ.
"ބޯޓު ދަތުރުކުރުމުގެ ސިނާޢަތު ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައިވަނީ، އަޅުގަނޑުމެން އެދޭ މިންވަރަށް ބޯޓު ދަތުރުކޮށްގެން ރާއްޖެއަށް ފައިދާއާއި މަންފާ ނެގެމުންނެއް ނުދޭ. މީގެ ކުރިން ބޯޓު ދަތުރުކޮށްގެން 25 މިލިއަން ޑޮލަރު ވަންނަމުން ދިޔަ ނަމަވެސް އެ އަދަދު މިހާރު ގިނަވެގެން ހައެއްކަ މިލިއަން ޑޮލަރާއި ހިސާބުގައި މި އުޅެނީ،" ރައީސް ވިދާޅުވި އެވެ.
ބޯޓުދަތުރުކުރުމުގެ ސިނާއަތު ހަރުދަނާ ކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެތެރޭ އާގުބޯޓްތަކުގައި މަސައްކަތްކުރާ 150 އޮފިސަރުންނާއި ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާނެ 500 ދިވެހިން އުފައްދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިހާރު މި ދާއިރާގައި މަސައްކަތްކުރާ 650 މުވައްޒިފުންގެ ބަދަލުގައި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މި ސަރުކާރުގެ އަމާޒަކަށްވެފައި މި އޮތީ ހާހެއްހާ ތަމްރީން ލިބިފައިވާ މުވައްޒިފުން މި ދާއިރާއަށް ނެރުން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް އަވަށްޓެރި ގައުމުތަކުގެ އެހީގައި ދިވެހި ގައުމީ ޔުނިވާސިޓީގެ ތެރެއިން ސީމަނުންނާއި އޮފިސަރުން ތަމްރީން ކުރުމުގެ ދޮރުތަށް ހުޅުވާނެ ކަމައްވެސް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ މަދަރުސާތަކުން ކޮންމެ އަހަރަކު ދިހަ ހާސް ކުދިން އޯލެވެލް ނިންމައިގެން ނުކުންނައިރު، ދަތުރުކުރަން ދާނެ ކުދިން ނުލިބި، އެ ސިނާއަތް ހީނަރުވެ މިދަނީ، ރާއްޖޭގެ އެހެން ކިތަންމެ މަސައްކަތްތަކާ އެއްގޮތަށް، މިރާއްޖޭގެ މަސައްކަތްތަކަށް ބޭނުންވާ މިންވަރަށް ރާއްޖޭގެ ޒުވާނުންގެ ކިބައިގައި ހުނަރު ނެތީމާ. ރާއްޖޭގެ ޒުވާނުންނަށް، އެ ހުނަރު ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ ވާޖިބެއް. ރާއްޖޭގެ މިއަދުގެ އިޤްތިޞާދީ އަދި މާލީ ފަންވަރަށާއި ތަރައްޤީގެ މިންވަރަށް ބަލައި، މިއީ އަޅުގަނޑުމެންނަށް ނުކުރެވޭ ބާވަތުގެ ކަމެއްނޫން،" ރައީސް ވިދާޅުވި އެވެ.