01 Feb 2017, 23:23
ވަޒީފާތަކަށް ދިވެހި ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން 1000 ފޮޓޯގްރަފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނަށް ކެމެރާ ދީފި އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، ފޮޓޯގްރަފަރުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރުގައި ބައިވެރިވާ 350 ޒުވާނުންނަށް ވަނީ ކެމެރާ ދީފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވައުދުފުޅުގެ ތެރެއިން 94000 ވަޒީފާ އުފެއްދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިިލް ކުރުމަށް މަގުފަހި ކުރުމާއެކު ވަޒީފާތަކަށް ދިވެހި ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުމުގެ ގޮތުން 1000 ފޮޓޯގްރާފަރުން ތަމްރީނުކޮށް މަސައްކަތުގެ މައިދާނަށް ނުކުތުމަށް ބޭނުންވާ ކެމެރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޔާމީނާއި، ރައީސްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް ބައިވެރިވެ ވަޑައިގެން ވަނީ އެ ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވައިދެއްވައިފައެވެ.
ފޮޓޯގްރަފީ ކޯހުގެ ބައިވެރިންނަށް ދީފައިވަނީ ނިކޯން ބްރޭންޑުގެ ކެމެރާއެކެވެ. އެ ކެމެރާ ދޫކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތުން ފައިސާ ދައްކައި ހަލާސް ކުރާ އުސޫލުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފޮޓޯގްރަފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިރޭގެ ރަސްމިއްޔާތުގައި އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ހަބާއި، ފޮޓޯގްރަފީ ކޯހުގެ ބައިވެރިން ނަގާފައިވާ ފޮޓޯތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައްލަވާލައްވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ފޮޓޯގްރަފީ ޕްރޮގްރާމުން އެންމެ މޮޅު 100 ޒުވާނަކަށް ބޭރުގައުމަކުން ތަމްރީނު ހޯދުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ހުރިހާ ބައިވެރިނަށްވެސް ވަޒީފާ ޔަގީން ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ފޮޓޯގްރަފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރުު ސައީދު ވާހަކަފުޅު ދައްކަވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"އެންމެ މޮޅު ސަތޭކަ ކުދިންނަށް ބޭރުގައުމަކަށް ގޮސް ތަމްރީނު ވުމުގެ ފުރުސަތު މިހާރު އަޅުގަނޑުމެންނަށް ވަނީ ޔަގީންވެފަ. އަދި ތީގެ ތެރެއިން 1000 ފޮޓޯގްރާފަރުންނަށް މިކޯސް ނިމޭއިރު ވަޒީފާ ގައިމު ވެފައިވާ ކަންވެސް ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީން ޒުވާނުންނަށްޓަކައި ހޯދައިދެއްވާ ފުރުސަތުތަކަކީ ކުރީގެ އެއްވެސް ތާރީހެއްގައި އެއްވެސް ސަރުކާރަކުން ހޯދައިދީފައިވާ ފުރުސަތު ތަކެއް ނޫން ކަމަށެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ދިވެހި ޓޫރިޒަމް އިންޑަސްޓްރީއާއި ވިޔަފާރިވެރިން، ކޯހުގެ ބައިވެރިންގެ ހަރަކާތްތަކަށް ބަލަމުންދާ ކަމަށެވެ. އަދި ވަޒީފާ ހޯދައި ދިނުމަށް ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަކުން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.