އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގައި ހެލްތު މިނިސްޓްރީން ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 8.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ދައްކާފައި ވާތީ، އެކަމުގައި އިހްމާލުވި ފަރާތްތައް ހޯދައި، އެ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދަން އޮޑިޓާ ޖެނަރަލް އަންގަވައިފި އެވެ.

އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު އެގޮތަށް އެންގެވީ، މިދިޔަ ހަފްތާގައި އެ އޮފީހުން ނެރުނު ހެލްތު މިނިސްޓްރީގެ 2014 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ޖޫރިމަނާގެ ގޮތުގައި 2014 ވަނަ އަހަރު ހެލްތު މިނިސްޓްރީން 8،594،503 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދެއްކި ކަމަށެވެ.

އެ އޮޑިޓުން ފާހަގަ ކުރެވުނު ކަންތައްތަކާ ގުޅިގެން ހެލްތު މިނިސްޓްރީން އިސްލާހު ކުރަން ލަފާ ދިން ކަންތައްތަކުގެ ތެރޭގައި، މުވައްޒަފުންގެ އިހްމާލުން ބިލުތަކަށް ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ ހާލަތެއްގައި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯއްދަން އަންގާފައިވެ އެވެ. އަދި ޖޫރިމަނާވުމުގެ ކުރިން ބިލުތަކަށް ފައިސާ ދައްކައި ހަލާސް ކުރުމަށް ސަމާލުކަން ދިނުމަށް އޮޑިޓް ރިޕޯޓުގައި ވަނީ އަންގާފައެވެ.

ހެލްތު މިނިސްޓްރީން ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހުނީ ބިލްތައް ލިބުމަށްފަހު އެކަށީގެންވާ މުއްދަތެއްގައި، ނުދެއްކުމުގެ ސަބަބުންނެވެ. އެގޮތުން ފެން ބިލާއި ކަރަންޓު ބިލްފަދަ ދައުލަތުގެ އެކި އިދާރާތަކަށް ދައްކަންޖެހޭ ބިލްތައް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އެގޮތުން 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އައިޖީއެމްއެޗްގެ 60 ކަރަންޓު ބިލަކަށް ޖޫރިމަނާގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ދައުލަތުން ދައްކާފައިވާ ކަމަށެވެ. އަދި އެ ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އައިޖީއެމްއެޗްގެ 129 ފެން ބިލަކަށް 1.5 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތުން ދައްކަންޖެހުނު ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ހެލްތު މިނިސްޓްރީގެ ދަށުގައި ތިބި ބިދޭސީ މުވައްޒަފުންގެ ވޯކް ވިސާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ވެސް ޖޫރިމަނާ ދައްކަން ޖެހުނު ކަމަށެވެ. އެ ޖޫރިމަނާގެ އަދަދު 13،090 ރުފިޔާއަށް އަރާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.