ސިއްހީ ދާއިރާއިން 2014 ވަނަ އަހަރު 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އާންމުކޮށްފައިވާ 2014 ވަނަ އަހަރުގެ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓަށް ބަލާއިރު އެ މިނިސްޓްރީން ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ގިނަ ހަރަދުތަކެއް ކޮށްފަ އެވެ.

ނެޝަނަލް ޑުރަގް އެޖެންސީން 2014 ވަނަ އަހަރު ބަންދު ކުރާ މީހުންނަށް ކާން ދިނުމަށް 6.3 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލު ކުރީ ޓެންޑާ ބޯޑަށް ހުށަނާޅައި ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. މާލިއްޔަތު ގާނޫނުގައި ބުނެފައިވާ ގޮތުން 1.5 މިލިއަން ރުފިޔާއަށް ވުރެ، އަޑު ބޮޑު ހިދުމަތެއް ހޯދާނަމަ ޓެންޑާ ބޯޑަށް ހުށަހަޅައި ފާސްކުރަންޖެހެ އެވެ.

މާލިއްޔަތު ގަވައިދާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަނުކޮށް ހަތަރު މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެ ހަރަދުތައް ކުރި ތަންތަނުގެ ތެރޭގައި އައިޖީއެމްއެޗާއި ގއ. އަދި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ލ. ގަމާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުން އެއްބަސްވުން ތައްޔާރުނުކޮށް އުސޫލްތަކާއި ހިލާފަށް 591762 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ސިވިލް ސާވިސް ގަވައިދާ ހިލާފަށް އިތުރު ފައިސާގެ ގޮތުގައި ނޮޅިވަރަމް ސިއްހީ މަރުކަޒުން 55،2627 ރުފިޔާ ހަރަދުކޮށްފައިވާއިރު، އިތުރުގަޑީގެ ގޮތުގައި އައިޖީއެމްއެޗް މުވައްޒަފުންނަށް 1،98،345 ރުފިޔާ ހަރަދުކޮށްފައިވާއިރު އެ ފައިސާ ދީފައި ވަނީ އިތުރު ގަޑީގެ ގޮތުގައި ނުހިމެނޭ ގަޑިތައް ހިމަނާފައިގެން ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އައިޖީއެމްއެޗް މުވައްޒަފުންނަށް އިތުރު ގަޑީގެ ގޮތުގައި 2014 ވަނަ އަހަރު 3.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިތުރު ގަޑީގެ ފައިސާ ދީފައި ވަނީ ސައްހަ ލިޔުމަށް ބަލައިގެން ނޫން ކަމަށެވެ.

އެކަނިވެރި މައިންނަށް ދޭ ފައިސާ ކައިވެނިކޮށްފައިވާ މީހުންނަށް ވެސް ދީފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 983،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް އެ މީހުން މަރުވިފަހުން ވެސް ދީފައިވާކަން އޮޑިޓާ ޖެނަރަލް ނެރުއްވި އޮޑިޓުން ވަނީ ފަޅާއަރާފަ އެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ އެ މުއްދަތުގެ ތެރޭގައި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 8.6 މިލިއަން ރުފިޔާ ދައުލަތުން ދެއްކި ކަމަށެވެ. އެ ޖޫރިމަނާ ދައްކަން ޖެހުނު ބިލްތަކުގެ ތެރޭގައި އައިޖީއެމްއެޗްގެ 60 ކަރަންޓް ބިލަކާއި އެ ހޮސްޕިޓަލްގެ 129 ފެން ބިލެއް ހިމެނެއެވެ.

އިސްވެ ފާހަގަ ކުރި ހަރަދުތަކުން ދައުލަތައް ގެއްލުންވެފައި ވާތީ އެ ފައިސާ ހޯދުމަށާއި އިހުމާލް ވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދެއްވާފަ އެވެ.