01 Feb 2017, 17:20
މުމްބާއީ (ފެބްރުއަރީ 1): އިންޑިއާގައި އަހަރަކު 250،000 ރުޕީސް (3،700 ޑޮލަރު) އާއި 500،000 ރުޕީސް (7،400 ޑޮލަރު)އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުން ދައްކަން ޖެހޭ ޓެކްސްގެ މިންވަރު 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކޮށްފި އެވެ.
އިންޑިއާގެ އަހަރީ ބަޖެޓް އިއުލާން ކުރައްވަމުން ފިނޭންސް މިނިސްޓަރު އަރުން ޖައިޓްލީ ވިދާޅުވި ޓެކްސް ދައްކަން ޖެހޭ މިންވަރު ކުޑަ ކުރީ ޓެކްސް ދައްކަން ގިނަ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ޓެކްސްއަށް ގެނައި ބަދަލުގެ ސަބަބުން އަސަރު ކުރާނީ އިންޑިއާގެ އާބާދީގެ ކިހާ މިންވަރަކަށް ކަން އަދި ޔަގީންވެފައި ނުވެ އެވެ. ނަމަވެސް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާއިން 2013 ވަނަ އަހަރު އިންކަމް ޓެކްސް ދައްކާފައި ވަނީ އެއް ޕަސެންޓް ރައްޔިތުންނެވެ. އަދި ޓެކްސް ބަޔާން އާއްމުކޮށްފައި ވަނީ ދެ ޕަސެންޓު މީހުންނެވެ.
ކޮރަޕްޝަނާއި ކަޅު ފައިސާ ނައްތާލުމުގެ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާއިން ވަނީ 500 އާއި 1000 ރުޕީސްގެ ނޯޓު އުވާލާފަ އެވެ. އޭގެ ސަބަބުން އެންމެ ބޮޑަށް ދަތިތަކާ ކުރިމަތިލާން ޖެހުނީ ދަނޑުވެރިން ފަދަ ފަގީރު ފަރާތްތަކުންނެވެ.
އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދަނޑުވެރިކަމުން ލިބޭ އާމްދަނީ ދެ ގުނައަށް އިތުރު ކުރުމުގެ ގޮތުން ދަނޑުވެރިކަމަށް މިއަހަރު ސަރުކާރުން ހޭދަ ކުރާ މިންވަރު ވަނީ ރިކޯޑު އަދަދެއް ކަމަށްވާ 24 ޕަސެންޓަށް އިތުރުކޮށްފަ އެވެ.
މިނިސްޓަރު ޖައިޓްލީ ވިދާޅުވި ގޮތުގައި ނޫޓުތައް އުވާލުމުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ޖީޑީޕީ އާއި ޓެކްސް ރެވެނިއު އިތުރުވެ އިގުތިސާދު ރަނގަޅު ވާނެ އެވެ. (ބީބީސީ)