01 Feb 2017, 16:03
ރ. ހުޅުދުއްފާރު ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާ ދިނުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އިއްޔެ އެ ރަށަށް ވަޑައިގަތުމަށްފަހު އެވެ.
ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ލޯން އެހީގެ ދަށުން 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުދުއްފާރުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަނީ އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެންނެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ހުޅުދުއްފާރުގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ދަށުން 6.8 ކިލޯމީޓަރު ދިނުމުގެ ފެންވިއުގައެއް ގާއިމް ކުރާނެ އެވެ. އަދި 60 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓް ބަހައްޓައި އެ ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 520 ޓަނުގެ ތާނގީއެއް ބަހައްޓަން ހަމަޖެހިފައިވެ އެވެ.
އޭގެ އިތުރުން 250 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބަހައްޓާއިރު، އެ ޕްލާންޓަކީ ކުރިއަށް އޮތްތަނުގައި 500 ޓަނަށް އިތުރުކުރެވޭވަރުގެ ޕްލާންޓެކެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ، އެންމެ ތިން އަހަރު ދުވަހުގެ ތެރޭގައި 18 ރަށެއްގައި ނަރުދަމާގެ ހިދުމަތް ގާއިމްކޮށް، އިތުރު 21 ރަށެއްގައި ނަރުދަމާގެ ހިދުމަތް ދިނުމުގެ އަމަލީ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އަދި ވިދާޅުވީ، ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 15 ރަށެއްގައި ސާފު ބޯފެނުގެ ނިޒާމް ގާއިމްކޮށް އިތުރު 12 ރަށެއްގައި ފެނުގެ ނިޒާމް ވަރަށް އަވަހަށް ގާއިމްކުރެވޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާގިނަ މަޝްރޫއުތަކެއް ރައްޔިތުންނަށް ޓަކައި ކުރިއަށްދަނީ ރައީސް ޔާމީނަކީ ރައްޔިތުންދެކެ ލޯބިވާ ބޭފުޅަކަށްވާތީ އެވެ. އަދި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާ ނަމަ މިހާރަށް ވުރެ އަވަހަށް މަސައްކަތް ކުރެވެމުންދާނެ ކަމަށް ވިދާޅުވި އެވެ.