01 Feb 2017, 18:15
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ ކާގޯގެ ސްކްރީނިންގްއަށް އަގެއް ނެގުމަށް އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ނިންމައިފިއެވެ.
އެމްއޭސީއެލްއިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެކްސްޕޯރޓް ކުރާ މުދާ ކާގޯ އެކްސްރޭއިން ސްކްރީން ކުރުމަށް ނަގާނީ ކޮންމެ ކިލޯއަކަށް 0.15 ރުފިޔާ ކަމަށެވެ. އަދި 400 ކިލޯއާ ހަމައަށް، އެންމެ މަދުވެގެން ނަގާނީ 60 ރުފިޔާގެ އަގެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
މި އަގުގެ އިތުރަށް، ޖީއެސްޓީގެ ގޮތުގައި ހަ ޕަސަންޓު ވެސް ނަގާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭނީ ފައިސާ ދެއްކީމާ ކަމަށްވެސް އެމްއޭސީއެލްގެ ސާކިއުލާގައި ބުނެއެވެ.
މި އަގު ނަގަން ފަށާނީ މިހިނގާ ފެބްރުއަރީ މަސް ނިމި، މާޗު މަސް ފެށުމާ އެކުއެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް "ސަން"އަށް ވިދާޅުވީ، މީގެ ކުރިން ކާގޯގެ އެކްސްރޭ ސްކްރީން ހެދުމަށް ޗާޖެއް ނުނަގާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެކަމަށް ކުޑަކުޑަ ފީއެއް ނަގަން ފެށީ، ސްކްރީން ކުރުމަށް އާ އިކުއިޕްމެންޓް ގެނެސްފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުންވެސް ނަގާ ޗާޖެއް މިއީ. އެހެން ތަންތަނުން މާ ބޮޑުކޮށް މި އަގު ނަގާނެ. ވެލާނާ އެއާޕޯޓުން މި ނަގަނީ ވަރަށް ކުޑަކުޑަ ޗާޖެއް،" ހަސަން ވިދާޅުވިއެވެ.