ފުލުހުންނަށް މިދިޔަ މަހުގެ މުސާރަ ދިނުން ލަސްވާތީ ލޯނު ދިނުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ނިންމައިފިއެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ސީއީއޯ އަބްދުލް މަންނާން ޔޫސުފް ސޮއިކުރައްވައި މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ 10،000 ރުފިޔާ އަށްވުރެ އިތުރުނުވާގޮތަށް ކަމަށެވެ.

އެ ލޯނަކީ އިންޓްރެސްޓަކާ ނުލައި ދެ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ދޫކުރެވޭ ލޯނެއް ކަމަށް ވެސް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ބުންޏެވެ.

ލޯނު ނަގަން ބޭނުންވާ ފުލުހުން ލޯނަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ޕޮލިސް ކޯޕަރޭޓިވް ސޮައިޓީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ސަރުކާރު މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ދިނުމުގައި ލަސްތަކެއް ވަނީ ވެފައެވެ. އެކަމާ ގުޅިގެން ގިނަ މުވައްޒަފުންތަކެއް އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މުސާރަ ދިނުން ލަސްވަނީ ކީއްވެގެން ކަމެއް ފިނޭންސް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.