ސްރީލަންކާގެ ރައީސް، 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަވަހާރަވާނެ ކަމަށް ބުނި ސްރީލަންކާގެ ކުރީގެ ނޭވީ އޮފިސަރަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 1987 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީ ސްރީލަންކާއަށް ވަޑައިގެން ހުންނަވަނިކޮށް، އެމަނިކުފާނުގެ ކޮނޑުފުޅުގައި ރައިފަލް ބަޑިއަކުން ޖަހައި ހަމަލާދިން ވިޖޭމުނީ ވިޖީތަ ރޯހަނަ ޑެ ސިލްވާއެވެ. ވިޖޭމުނީ އޭރު ހުރީ ރަޖީވް ގާންދީގެ ޝަރަފުގައި، އޮނާ ގާޑު އަރުވަން ތިބި ނޭވީ އޮފިސަރުންގެ ތެރޭގައެވެ.

ރަޖީވް ގާންދީ އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ދައުވާ އެނާއަށް ކޮށް، އޭނާ ހަ އަހަރަށް ޖަލަށް ވެސް ލިއެވެ. ނަމަވެސް ދެ އަހަރާއި ބައިގެ ފަހުން އެނާއަށް މައާފު ދީ، ޖަލުން މިނިވަން ކުރިއެވެ.

ރަޖީވް ގާންދީއަށް ހަމަލާދިން މީހާ: ރައީސް ސިރިސޭނާ އަވަހާރަވާނެ ކަމަށް ބުނި މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފި

ވިޖޭމުނީ ޖަލުން މިނިވަން ކުރި ފަހުން އޭނާ ވަނީ ނުޖޫމީ އިލްމާއި ފާލު ބެލުމުގެ ކަންކަން ކުރަން ފަށައިފައެވެ. މި ފަހުން އޭނާ ވަނީ، ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާއަށް ހަކުރުބަލީގެ މައްސަލައެއް ދިމާވެ، ޖެނުއަރީ މަހުގެ ފަހުކޮޅު އެމަނިކުފާނު އަވަހާރަވާނެ ކަމަށް ބުނެ ވާހަކަ ފަތުރައިފައެވެ. އޭނާ މި ވާހަކަތައް ދައްކާފައިވަނީ އޭނާގެ ފޭސްބުކްގައެވެ.

މި މައްސަލައިގައި، ދޮގު ޚަބަރު ފަތުރައިގެން ރައްޔިތުންނަށް އޮޅުވާލުމުގެ ކުށުގެ ތުހުމަތުގައި، ވިޖޭމުނީ މިއަދު ވަނީ ހައްޔަރުކޮށްފައެވެ. މިއަދުގެ ވަގުތެއްގައި އޭނާ ކޯޓަށް ގެންދަން ވަނީ ހަމަޖައްސާފައެވެ.

ވިޖޭމުނީ 2000 ވަނަ އަހަރު ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަކަށް ވެސް ވާދަކުރިއެވެ. ނަމަވެސް އޭނާ ވަނީ ނާކާމިޔާބުވެފައެވެ.