ބައިސްކަލް ފަދަ ތަކެތީގައި އެލުވާލައިގެން ކުނި އުފުއްލާ ގޮތް މަނާކުރުމުގެ ގަވައިދަށް އަމަލު ކުރުން ފަސްކޮށްފި އެވެ.

އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވައިދަށް މިއަދުން ފެށިގެން އަމަލުކުރާ އިރު އެގަވައިދުގެ ނުވަ ވަނަ މާއްދާއާއި 11 ވަނަ މާއްދާއަށް އަމަލުކުރުން މިހާރު ވަނީ ޖޫން މަހުގެ ނިޔަލަށް ފަސްކޮށްފަ އެވެ.

އަމަލުކުރުން ފަސްކޮށްފައިވާ ނުވަ ވަނަ މާއްދާ ބުނާގޮތުން ކުނި އުފުލަން ޖެހޭނީ އެތަކެތި ނުފެންނަ ގޮތަށް އަދި ވަސް ވެސް ނުދުވާ ގޮތަށް ބަންދުކޮށްގެންނެވެ.

"ބައިސްކަލުގައި ކުނި އުފުލަން ވާނީ ބައިސްކަލުގެ ފަހަތުގައި ކުނިއަޅާނެ ފޮށިގަނޑެއް ހަރުކޮށް، ކުނީގައި ހުރި ވަހާއި، ކުނި މާހައުލަށް ނުފެތުރޭނެގޮތަށް ބަންދުކޮށްގެން،" ގަވައިދުގައި ބުނެފައިވެ އެވެ.

އެފޮށިގަނޑު ހުންނަންޖެހެނީ ބައިސްކަލު ހުންގާނަށް ވުރެ ފުޅާވުނާހެން ބައިސްކަލު ދުއްވަން އިންނަ މީހާ އާއި ބައިސްކަލު ފަހަތު ފުރޮޅަށް ވުރެ ބޭރަށް ނުނިކުންނަ ގޮތަށެވެ.

އަމަލުކުރަން ފަސްކޮށްފައިވާ ގަވައިދުގެ 11 ވަނަ މާއްދާގައި ބުނާގޮތުން ފީ ނަގަންޖެހެނީ އެގަވައިދުން ކަނޑައަޅާ ވަކި އުސޫލަކުންނެވެ.

އެގަވައިދާ ހިލާފަށް އަމަލުކުރާ ނަމަ 750 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.