01 Feb 2017, 16:11
ފަތުރުވެރިކަމުގެ ބޭނުމަށް ދެ ބިމާއި މުވާސަލާތީ ޚިދުމަތް ތަރައްގީ ކުރަން ކ. ތުލުސްދޫން ބިމެއް ދޫކުރަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.
ތުލުސްދޫގައި ފަތުރުވެރިކަމުގެ ބޭނުމަށް ދެ ބިން ދޫކުރަން ނިންމާފައިވާ އިރު، އޭގެ ތެރެއިން އެއް ބިމަކީ ވޯޓާ ސްޕޯޓްސް ސެންޓަރެއް ގާއިމުކޮށް ތަރައްގީ ކުރުމަށް ދޫކުރާ ބިމެކެވެ. ދެން ދޫކުރަނީ ޑައިވިންގް ސެންޓަރެއް ގާއިމުކޮށް ތަރައްގީ ކުރުމަށެވެ.
ޑައިވިން ސެންޓަރު ތަރައްގީ ކުރަން ދޫކުރަން ނިންމާފައި ވަނީ 2500 އަކަފޫޓުގެ ބިމެކެވެ. ވޯޓާ ސްޕޯޓްސް ސެންޓަރެއް ތަރައްގީ ކުރުމަށް އެރަށު ކައުންސިލުން ދޫކުރަން ނިންމާފައި ވަނީ ވެސް ހަމަ 2500 އަކަފޫޓުގެ ބިމެކެވެ. މި ދެ ބިން ދޫކުރެވޭނެ އެންމެ ދަށް ކުއްޔަކީ 1250 ރުފިޔާ އެވެ.
ވޯޓާ ސްޕޯޓްސް ތަރައްގީ ކުރާ ބިން ނެގުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، އެ ބިން ކުއްޔަށް ދޫކުރާނީ 10 އަހަރަށެވެ. އެ ބިމަށް އެދި ބީލަން ހުށަހެޅުމާ ގުޅޭ ގޮތުން މައުލޫމާތު ދިނުން އޮންނާނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ޑައިވިން ސެންޓަރެއް ގާއިމް ކުރަން ދޫކުރާ ބިމަށް އެދި ބީލަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ދިހަ އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރާ އެ ބިމުގެ ބީލަމާ ބެހޭ މައުލޫމާތު ދިނުން އޮންނާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
މީގެ އިތުރުން މުވާސަލާތީ ޚިދުމަތް ތަރައްގީ ކުރުމަށް އެ ރަށުން ދޫކުރަން ނިންމާފައިވާ 600 އަކަފޫޓުގެ ބިން ދޫކުރުމަށް ހަމަޖައްސާފައި ވަނީ ވެސް ހަމަ 10 އަހަރުގެ މުއްދަތަކަށެވެ. އެ ބިން ނެގުމަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ އިރު، ބީލަމާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.