ދާދިފަހުން ހިދުމަތަށް ނެރުނު ސައިކަލު ޓެކްސީގެ ސައިކަލެއް އެކްސިޑެންޓުވެ ޒުވާނެއްގެ ކަނާއަތު އިނގިއްޔެއް ބިނދިއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު 11:50ގައި މަޖީދީމަގު ސީކްރެޓް ރެސިޕީ ކުރިމަތިން ކަމަށެވެ. އެކްސިޑެންޓް ވެފައި ވަނީ ޕްރައިވެޓް ސައިކަލަކާއި ޓެކްސީގެ ގޮތުގައި ދުއްވަމުން ދިޔަ ސައިކަލެކެވެ.

އެ އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ނުލިބުނު ނަމަވެސް، ސައިކަލު ޓެކްސީގައި އިން ޒުވާނާގެ ކަނާއަތު އިނގިއްޔެއް ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ޕްރައިވެޓް ސައިކަލުގައި އިން ޒުވާނާއަށް ޒަހަމެއް ނުވެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓަށް ފަހު، ދެ ސައިކަލުގައި ދުއްވަން ތިބި ދެމީހުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.