އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ޖާނީން ފަށާ އައި ކޮންޓްރޯލް މައި ބްރެއިން (ތިމާގެ ނަފްސު ތިމާ ކޮންޓްރޯލް ކުރަމާ) ކެމްޕޭން ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ރޭ އިފްތިތާހު ކޮށްދެއްވައިފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާއެއްގައި އެ ކެމްޕޭން އިފްތިތާހު ކޮށްދެއްވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖްތަމައު ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ އަމިއްލަ ޖަމްއިއްޔާއަކުން އެފަދަ އިތުރު މަސައްކަތެއް ފަށާފައިވާ ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި އެޖަމިއްޔާގެ ވެރިންނަށާއި އެކަމުގައި އެހީތެރިވެދޭ ހުރިހާ ފަރާތްތަކަށް ވެސް ނައިބު ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަކީ، މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ވައުދެއްކަން ފާހަގަކުރެއްވި އެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށް މި ވޭތުވެދިޔަތާނގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި، އެކި ފަރާތްތައް ގުޅިގެން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އޭގެ ނަތީޖާ ވެސް ފެންނަމުންދާ ކަމުގައި ވިދާޅުވި އެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި ސަރުކާރުން މެދުނުކެނޑި އެ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތަށް ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ މަސްތުވާތަކެތީގެ ބިލަށް ގެންނަން ފެންނަ އިސްލާހުތައް ގެންނެވުމަށް ފަހު ވެވަޑައިގެންހާ އަވަހަކަށް އެ ބިލު ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވި އެވެ. އަދި ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ވަރަށް ގިނަ އަދަދެއްގެ ކުދިން ޖެހިފައިވުމާ އެކު، އެ އަދަދުތައް ބެއްލެވުމަށްޓަކައި އަންނަ ޖުލައި މަހު ޤައުމީ ފެންވަރުގައި ސަރުކާރުން ސާވޭއެއް ފައްޓަވާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.