އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެ އަށް ދޭ ސްކޮލާޝިޕްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ސްކޯލާޝިޕްތަކަކީ އެ ގައުމުން، އެ ގައުމުގެ އެކުވެރި ގައުމުތަކާ އޮންނަ ގާތް ގުޅުން ބަދަހި ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ދޭ ސްކޮލާޝިޕްތަކެކެވެ. އެގޮތުން މި އަހަރު އެ ގައުމުން ރާއްޖެއަށް ދީފައި ވަނީ ހަތަރު ދާއިރާއަކުން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތެވެ.

ސްކޮލާޝިޕް ހުޅުވާލާފައިވާ ދާއިރާތައް:

  1. އެޑިއުކޭޝަން

  2. ސަސްޓެއިނެބަލް ޑިވެލޮޕްމެންޓް
  3. ގުޑް ގަވަނަންސް
  4. އިކޮނޮމިކް ޑިވެލޮޕްމެންޓް

މި ހަތަރު ދާއިރާއިން ކޯސްތަކަށް ކުރިމަތިލެވެނީ އޮސްޓްރޭލިޔާގެ ޔުނިވަސިޓީތައް ގަބޫލުކުރާ ފެންވަރުގެ ފުރަތަމަ ޑިގްރީއެއް އޮވެގެންނެވެ. އަދި ކަނޑައެޅިފައިވާ ވަކި މިންގަޑަކަށް އިނގިރޭސީ ބަހުގެ ފެންވަރު ހުރެގެންނެވެ.

ސްކޮލާޝިޕްތަކަށް ހޮވޭ ކުދިންނަށް ކިޔެވުމުގެ ހުރިހާ ޚަރަދެއްގެ އިތުރުން އޮސްޓްރޭލިޔާ އަށް ކުރާ ދެކޮޅު ދަތުރުގެ ޓީކެޓާއި މެޑިކަލް އިންޝޫރަންސްއާއި އަދި އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެ ކަމަށް އޮސްޓްރޭލިއާ އެވޯޑްސް އިން ހާމަކުރެ އެވެ.

މި ސްކޮލަޝިޕް ޕްރޮގްރާމުގެ ދަށުން އޮސްޓްރޭލިއާގެ 53 ޔުނިވާސިޓީއެއްގައި ތައުލީމް އުނގެނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕްގެ މި ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް މަހުގެ ނިޔަލަށް ހުޅުވާފައިވާ އިރު މިސްކޮލާޝިޕްތަކާ ބެހޭ އިތުރު މައުލޫމާތުއޮސްޓްރޭލިއާ އެވޯޑްސް ސައުތް ވެސްޓް އޭޝިއާގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

މި ސްކޮލާޝިޕްތަކުގެ ކޯސްތައް ފައްޓާނީ އަންނަ އަހަރު އެވެ.