މުސްލިމުންގެ އާބާދީ ބޮޑު ހަތް ގައުމެއްގެ ރައްޔިތުން އެކު ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި އެމެރިކާއާ ދެކޮޅަށް އަޑު އުފުލަމުންދާ ދަނޑިވަޅެއްގައި، މެދުއިރުމަތީގެ އަރަބި ގައުމެއް ކަމުގައިވާ ކުވައިތުން، އެގައުމަށް އިސްލާމީ ފަސް ގައުމެއްގެ މީހުން ވަނުން މަނާކޮށްފި އެވެ.

ކުވައިތަށް ވަނުން މަނާކުރީ ސީރިއާ، އިރާގު، އިރާން، ޕާކިސްތާން އަދި އަފްގާނިސްތާނުގެ މީހުންނެވެ.

"ދަ ނިއު އެރެބް" ނޫހުގައި ބުނެފައިވާ ގޮތުން، އެ ފަސް ގައުމަށް ނިސްބަތްވާ މީހުން ކުވައިތަށް ވަނުން މަނާކުރީ، އެ ގައުމުތަކުގައި ހަމަނުޖެހުން ބޮޑުވުމުންނެވެ. އަދި އެ ގައުމުތަކުގެ އާންމު ހާލަތު ރަނގަޅުވުމާ އެކު، މަނާކުރި ކުރުން އަނބުރާ ގެންދާނެ ކަމަށް ކުވައިތުގެ ރަސްމީ އިދާރާތަކާ ހަވާލައިދީ، އެ ނޫހުން ބުނެއެވެ.

އެ ފަސް ގައުމުގެ މީހުން ކުވައިތަށް ދަތުރުކުރުމަށާއި، ފަތުރުވެރިއެއްގެ ގޮތުގައި ދިއުމާއި، އަދި ވިޔަފާރި ކުރުމަށް ވިސާ ދުލެއް ނުކުރާނެއެވެ. އަދި އެގައުމުތަކުގެ މީހުން ވިސާއަށް އެދި އެޕްލިކޭޝަންވެސް ހުށަނޭޅުމަށް ކުވައިތުން އެދިފައިވެއެވެ.

ޕާކިސްތާނާއި އަފްގާނިސްތާނުގައި ދޭތެރެ ދޭތެރެއިން، ހަރުކަށި ޚިޔާލުގެ މީހުންގެ ފަރާތުން ހަމަނުޖެހުންތައް ހިނގާ އިރު، ސީރިއާ އާއި އިރާގުގައި ދާޚިލީ ހަނގުރާމަތަކެއް ދަނީ ކުރިޔަށެވެ.

ކުވައިތާއި އިރާނާ ދެމެދު އާންމު ގޮތެއްގައި ގުޅުން ބަދަހިވި ނަމަވެސް، މިދިޔަ އަހަރު އިރާނާއި ސައުދީ އަރަބިއްޔާއާ ، ގަލްފްގެ ހުރިހާ ގައުމަކުން ވަނީ އިރާނާ ދެކޮޅަށް ވާހަކަދައްކައިފައެވެ.

ސީރިއާގައި 2011 ވަނަ އަހަރު ދާޚިލީ ހަނގުރާމައެއް ފެށި އިރު، އެ އަހަރުގެ ތެރޭގައި ކުވައިތުން ވަނީ ސީރިއާ މީހުން ކުވައިތަށް ވަނުން މަނާކޮށްފައެވެ. އެމެރިކާއިން މިދިޔަ ހަފްތާގައި ސީރިއާ މީހުން އެގައުމަށް ، ސީރިއާގެ ރައްޔިތުން އެގައުމަކަށް މަނާކޮށްފައި އޮތް ހަމައެކަނި ގައުމަކީ ކުވައިތެވެ.