މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 467.1 މިލިޔަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

އެމްއެމްއޭއިން އިއްޔެ ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އިގްތިސާދީ ރިވިއު ނެރެފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 343.5 މިލިއަން ޑޮލަރާއި، އޭގެ ތެރެއިން ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 110.6 މިލިއަން ޑޮލަރެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި ރިޒާވް ދަށްވީ، ރާއްޖޭގެ މައި އެއާޕޯޓް ހިންގަން ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވައިލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު ދެއްކުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވިއްކި ބޮންޑުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންވެސްޓު ކުރުމުންނެވެ.

އެހެން ނަމަވެސް، ޖެހިގެން އައި ޑިސެމްބަރު މަހު އެ ރިޒާވް ވަނީ 467.1 މިލިޔަން ޑޮލަރަށް އުފުލިފަ އެވެ. މީގެ އިތުރުން ޔޫޒަބަލް ރިޒާވް ވެސް ވަނީ 200 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ.

އެމްއެމްއޭއިން ބުނީ ޔޫޒަބަލް ރިޒާވް 110.6 މިލިޔަން ޑޮލަރުން 200 މިލިޔަން ޑޮލަރަށް އިތުރުވުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.