01 Feb 2017, 13:06
ޒުވާނުން ހުނަރުވެރިކުރުވައި ވަޒީފާގެ ބާޒާރަށް ތަމްރީނު ކުރުވުމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިން އޮތޯރިޓީ (ޓިވެޓް)އިން ހިންގާ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖޭގެ ބޮޑެތި ކުންފުނިތަކާ އެކު މަޝްވަރާކޮށްފި އެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭގައި ކުއީންސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލަޖީ އާއި އެޑިޔުކޭޝަން މިނިސްޓްރީގެ ޓިވެޓް އޮތޯރިޓީ ގުޅިގެން މިއަދު ފެށި އެއް ދުވަހުގެ މަޝްވަރާ ފޯރަމްގައި ސްކޫލްތަކާއި ޒުވާނުންގެ ތެރެއިން 37 ފަރާތެއް ބައިވެރިވެ އެވެ.
އޭގެ އިތުރުން، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މަޓީ، މަސީ، ޗެމްބާސް ކޮމާސް، އެސްޓީއޯ، އެމްއޭސީއެލް އަދި އެމްޓީސީސީ އާއި ފޯސީޒަން ރިސޯޓް ފަދަ ކުންފުނިތަކުން ވެސް ބޭފުޅުން ބައިވެރިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަދު ފެށި މަޝްވަރާތަކުގެ މަގްސަދަކީ ފަންނީ ދާއިރާތަކަށް ޒުވާނުން އަހުލުވެރިކުރުވަން ޓިވެޓް އޮތޯރިޓީން ހިންގާ ތަފާތު ކޯސްތަކާއި ޕްރޮގްރާމަތަކުގައި އެކުގައި މަސައްކަތްކުރާ ކުންފުނިތަކާއި އެއްތަނަކުން ބައްދަލުކޮށް މަޝްވަރާކޮށް، ގުޅުން ބަދަހި ކުރުން ކަމަށެވެ.
އެގޮތުން، ޓިވެޓް އޮތޯރިޓީން ހިންގާ ޕްރޮގްރާމްތަކަކީ ކުންފުނިތަކާއި އިންޑަސްޓްރީތަކުގެ ބޭނުންތަކާއި އެއްގޮތަށް ފަރުމާ ކުރުވިގެން ކުރިއަށްދާ ޕްރޮގްރާމްތަކަކަށް ހެދުމާގުޅޭ ގޮތުން ފޯރަމްގައި މަޝްވަރާ ކުރެވޭނެ އެވެ.