26 Jun 2011, 09:44
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބޭއްވި 45 ވަނަ މަކީޓާ ޤައުމީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހިންނަވަރު ހިރިޔާގެ ޓީމުން ހޯދައިފި އެވެ.
ކްރިކެޓް އެކުވެނީ އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި މާލޭ ސްޕޯޓްސް ކުލަބާއި ބައްދަލުކޮށް، ހިންނަވަރު ހިރިޔާގެ ޓީމުން ޗެމްޕިއަންކަން ހޯދީ 204 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ފުރަތަމަ އިނިންގްސް އިއްޔެ ހިންނަވަރު ހިރިޔާ ކުޅެންއަރައި ފަސް ކުޅުން ތެރިން ނުބައިވެގެން 271 ލަނޑު ހެދި އެވެ. އެގޮތުން މިމެޗްގައި ހިރިޔާގެ ޓީމުން މިހުސާން ހަމީދު 111 ލަނޑު ހެދިއިރު، މާލޭ ސްޕޯޓްސް ކުލަބްގެ އަބްދުﷲ ޝާހިދު ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
މާލޭ ސްޕޯޓްސް ކުލަބްގެ ފުރަތަމަ އިނިންގްސްގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 222 ލަނޑު ހެދި އިރު، މާލޭ ސްޕޯޓްސް އަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނީ 80 ލަނޑު ހެދި ހަސަން ހާޒިގް އާއި 38 ލަނޑު ހެދި އިޝާން ޖައިކޮޑީގެ އިތުރުން 27 ލަނޑަށް ތިން ވިކެޓް ނެގި ރާހަލް އެވެ.
ހިންނަވަރު ހިރިޔާގެ ކުޅުނު ދެވަނަ އިނިންގްސްގައި ނުވަ ކުޅުންތެރިން ނުބައިވެގެން 257 ލަންދޫ ހެދި އިރު، މިމެޗްގައި އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި އަހުމަދު އަމީލް އާއި 113 ލަނޑި ހެދި ސަފްރާޒް ޖަމީލް އަދި ދެވިކެޓް ނެގި އިސްމާއިލް ނިހާދާއި އިޝާނެވެ.
މާލޭ ސްޕޯޓްސްގެ ދެ ވަނަ އިނިންގްސް ފެށުނު އިރު މޮޅުވުމަށް ޓަކައި ހަދަން ޖެހޭ 303 ލަނޑު ނުހެދި އުޅެނިކޮށް، އެޓީމްގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދުނީ 102 ލަނޑެވެ. އަދި މިއިންގްސްގައި މާލޭ ސްޕޯޓްސް އަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިނީ ހަ ވިކެޓްނަގައި 22 ލަނޑު ހެދި މުސްތާގް އަހުމަދު ދީދީ އެވެ. އެގޮތުން މުސްތާގް އަހުމަދު ވަނީ މިމެޗްގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަޤާމް ހޯދާފައިފަ އެވެ.
އިއްޔެގެ ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަ ވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަދާނީ ލިޔުން ދެއްވީ ރައްޔިތުންގެ މަޖިލިސްގެ ވާކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 634 ޕޮއިންޓް ހޯދި އަބްދުﷲ ސާހުދެވެ. މުބާރާތުގެ އެންމެ މޮޅު ދެވަނަ ކުޅުންތެރިއަކަށް ހޮވުނީ 570 ޕޮއިންޓް ހޯދި އިސާން ޖަޔަކޮޑީއެވެ. އަދި ތިން ވަނަ ކުޅުންތެރިއަކަށް 529 ޕޮއިންޓް ހޯދައިގެން މިހުސާން ހާމީދު ހޮވުނު އިރު، މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ 477 ޕޮއިންޓް ހޯދި ހަސަން ހާޒިގެވެ.