01 Feb 2017, 11:40
މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެންވެރިކަން ދަށްވުމުގެ މައްސަލަ ކަމަށް ވިދާޅުވެ، އެކަން ހައްލު ކުރުމަށް ރާއްޖޭގައި ބޭންގު އާލާ ކުރުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
"ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ދިމާވާ އެމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ސަރުކާރުގެ ބަޖެޓުން ވަރަށް ބޮޑު އަދަދެއް ހޭދަ ކުރައްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެންމެ ބޮޑު އަހަމިއްޔަތު ކަމެއް ދީގެން ކުރުމަށް ނިންމާފައި ވަނީ އެމުގެ ގޮތުގައި ބޭންގު ބޭނުން ކުރުމަށްޓަކައި އެ ބާވަތުގެ މަސް އާލާ ކުރުމުގެ މަސައްކަތް ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ބޭންގަކީ ލޮނުފެނާއި ބިމުގެ ފެނުގެ ފަށަލައިގެ ފެނާއި ގުޅޭ ހިސާބުގައި އުފެދި އާލާވާ އެއްޗެކެވެ. ބޭންގު އާލާކުރުމަކީ އެކަމެއް ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެކެވެ. ބޮޑު ހޭދައެއް ދާނެވެސް ކަމެކެވެ. ރާއްޖޭގައި ބޭންގު އުފެދެނީ އާންމުކޮށް ކަނޑުގެ ލޮނުފެނާއި ގުޅިފައިވާ ކުޅިތަކުގައެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ، މިދިޔަ އަހަރު ތެރޭގައި ރާއްޖެއަށް އާ ވައްތަރެއްގެ މަސްވެރިކަމެއް ތައާރަފްވެގެން ގޮސްފައިވާ ކަމަށެވެ. އެއީ ޑައިމަންޑް ބެކް ސްކުއިޑްގެ މަސްވެރިކަމެވެ.

ފިޝަރީޒް މިނސިްޓަރު ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ: އިހުތިޝާމް މުހައްމަދު
"އެކަމުގެ ދިރާސާތަކެއް ހެދިގެން މިދިޔައީ. އެއީ ޑައިމަންޓް ބެކްޑް ސްކުއިޑްގެ މަސްވެރިކަން ރާއްޖޭގަ ކުރެވިދާނެ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދިޔައީ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޑައިމަންޑް ބެކްޑް ސްކުއިޑެއް ބާނާފައި ވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު ފިޝަރީޒް މިނިސްޓަރީގެ ޓީމަކުންނެވެ.
މިދިޔަ އަހަރު، ދޯނިތަކުގެ ވަތު ތެރޭގައި އެން އާލާ ކުރުމާ ގުޅޭ ގޮތުން ދިރާސާތަކެއް ކޮށް އެކަންވެސް ކުރެވިދާނެ ކަމަށް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަސައްކަތުގެ ޑިޒައިން ހަދައި، ބައެއް ފަރާތްތަކާ ހަވާލުކޮށް އެ މަސައްކަތް ރާއްޖޭގައި ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގެ އެކި މަސައްކަތްތަކަށް އަހުލުވެރިކުރުވުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގައި ގިނަ ބަޔަކު ތަމްރީން ކުރެވިއްޖެ ކަމަށާއި، ސްކޫލު ކުދިންނަށް ވެސް އެފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގަމުން ދާ ކަމަށެވެ.