01 Feb 2017, 11:28
ބޭންކް އޮފް މޯލްޑިވްސްއިން ލޯންޗުކުރި އެ ބޭންކުގެ އިޖްތިމާއީ ޕްރޮގްރާމް ގެ ދަށުން، މުޖުތަމައަށް ފައިދާ ހުރި މަސައްކަތެއް ކުރުމަށް ބޭންކުގެ ފަރާތުން ދޭ ދެ ލައްކަ ރުފިޔާއަށް ކުރިމަތިލާން ހުލުވާލައިފި އެވެ.
ބީއެމްއެލްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، "އަހަރެންގެ ބޭންކް" ޕްރޮޖެކްޓްގެ ބޭނުމަކީ ރަށަށް ނުވަތަ މުޖުތަމަޢަށް ފައިދާ ކުރާނެ މަޝްރޫއެއް ހިންގުން ކަމަށެވެ.
ރޭ ލޯންޗު ކުރި އެ މަޝްރޫއުގެ ދަށުން ދޫކުރާ ދެ ލައްކަ ރުފިޔާގެ ފައިސާ ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލުން މިއަދު ވަނީ ހުޅުވާލައިފަ އެވެ.
"މިކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަންވީ. އަޅުގަނޑުމެން އިވެލުއޭޓް ކޮށްފައި، އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލެއް އަޅުގަނޑުމެންގެ ފޭސްބުކްގައި ޕަބްލިޝް ކުރާނަން. އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ޕްރޮޕޯސަލްގައިވާ މަސައްކަތް ކުރުމަށް ދެ ލައްކަ ރުފިޔާ ލިބޭނެ،"
ބީއެމްއެލްއިން އިވެލުއޭޓު ކުރުމަށްފަހު، އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ފޭސްބުކްގައި އާންމު ކުރާނީ މިހިނގާ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
ސައީދު ވިދާޅުވީ، ކުޅިވަރާއި، ތިމާވެއްޓާއި، ރަށުގެ ތަރައްގީ ނުވަތަ އިޖުތިމާއީ ކޮންމެ ދާއިރާއަކުން ވެސް، ރަށް ނުވަތަ މުޖުތަމައުގެ ތަރައްގީއަށް ކަމެއް ކުރުމަށްޓަކައި ހުށަހެޅޭނެ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު، ސަރުކާރުގެ އިދާރާތައް ނޫން ކޮންމެ ފަރާތަކަށް ވެސް އޮތީ ހުޅުވާލެވިފަ އެވެ. އޭގެ ތެރޭގައި އާންމު ފަރުދުންނާއި، ރަށްރަށުގެ ޖަމިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.
މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޕްރޮޕޯސަލްތައް[email protected]އަށް އީމެއިލް ކުރުމަށް ބީއެމްއެލްއިން އެދެއެވެ.