01 Feb 2017, 11:04
ވޮޝިންޓަން (ފެބްރުއަރީ 1): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެ ގައުމުގެ ކެބިނެޓަށް އައްޔަން ކުރުމަށް ހުށަހެޅި ނަންތަކަށް ރުހުން ދިނުން ލަސް ކުރުމުގެ ބޭނުމުގައި އިދިކޮޅު ޑިމޮކްރަޓިކް ޕާޓީން ކޮމިޓީ ވޯޓުތައް ބޯއިކޯޓްކޮށްފި އެވެ.
ޑިމޮކްރަޓިކް ސެނެޓަރުންގެ ސަބަބުން ލަސްކޮށްފައިވާ ވޯޓުތަކުގެ ތެރޭގައި ހިމެނެނީ ސެކްރެޓަރީ އޮފް ހެލްތް އާއި ޓްރެޝަރީ އާއި އެޓާނީ ޖެނެރަލް އަށް ރުހުން ދޭން ބާއްވާ ވޯޓުތަކެވެ.
ހެލްތު އާއި ޓްރެޝަރީގެ ސެކްރެޓަރީން އައްޔަން ކުރުމަށް ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ފިނޭންސް ކޮމިޓީ ބޯއިކޮޓް ކުރުމަށް ފަހު ޑިމޮކްރަޓިކް ސެނެޓަރުން ވިދާޅުވީ ހެލްތު އަށް ނޮމިނޭޓްކޮށްފައިވާ ޓޮމް ޕްރައިސް އާއި ޓްރެޝަރީއަށް ނޮމިނޭޓްކޮށްފައިވާ ސްޓީވެން މެނޫޗިންއާ ބެހޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ.
އަދި އެޓާނީ ޖެނެރަލް ކަމަށް ހުށަހަޅާފައިވާ ޖެފް ސެޝަންސްއަށް ރުހުން ދިނުމާ ބެހޭ ގޮތުން ސެނެޓް ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ސެޝަންސްއާ ދެކޮޅަށް ނަސްލީ ތަފާތު ކުރުމުގެ ތުހުމަތުތައް ފެންމަތިކޮށްފަ އެވެ. ޑިމޮކްރެޓުން ވަނީ އެވޯޓުވެސް ބޯއިކޮޓްކޮށް، ސެޝަންސް އަށް ރުހުން ދިނުން ވެސް ލަސްކޮށްފަ އެވެ.
އެޓާނީ ޖެނެރަލްއަށް ރުހުން ދިނުމަށް ކޮމިޓީ ބައްދަލުވުން ބާއްވާފައި ވަނީ މީގެ ކުރިން އެމަގާމުގައި ހުންނެވި ސެލީ ޔޭޓްސް މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރި ޔޭޓްސް މަގާމުން ވަކި ކުރީ ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ ބެހޭ ގޮތުން ސުވާލު އުފެއްދުމާ ގުޅިގެންނެވެ. (ބީބީސީ)