ފުލުހުންގެ މުސާރަ ލަސްވުމާއެކު އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ފުލުހުންނަށް ބޮޑުކުރި މުސާރައާއެކު މިއަދު މުސާރަ ދޭން ނިންމައިފި އެވެ.

އާންމު ގޮތެއްގައި ފުލުހުންގެ މުސާރަ މަސް ނިމުމުގެ ދެ ދުވަހެއްހާ ކުރިން ޖަމާވާއިރު މިމަހު މުސާރަ އަދި ޖަމައެއް ނުވެއެވެ. އެކަމުގެ ހިތްހަމަ ނުޖެހުން ފުލުހުންގެ ތެރޭގައި ބޮޑެވެ.

ސިފައިންނާއި އެހެން ދައުލަތުގެ އިދާރާތަކަށް ވަނީ މުސާރަ ވަނީ ޖަމާވެފައެވެ. ފުލުހުންގެ މުސާރަ ލަސްވެފައި ވަނީ އޮނިގަނޑަށް ގެނައި ބަދަލާއެކު މުސާރަތައްބޮޑުކޮށްފައިވަނިކޮށެވެ.

ފުލުހުންގެ މުސާރަ ލަސްވުމާ ގުޅޭ ގޮތުން ފިނޭންސްގެ ޑިރެކްޓަރު އަހުމަދު އައިމަން ވިދާޅުވީ މުސާރަ ދިނުމުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި އެކަން ދަނީ އުސޫލުގެ ތެރެއިން ކަމަށެވެ.

"އެއްވެސް މީހެއްގެ މުސާރަ ލަހެއް ނުވާނެ، މުސާރަ މިހާރު ވާނީ ޖަމާވެފަ ހުރިހާ މީހުންގެ ވެސް، ފުލުހުންވެސް އެހެން މީހުންވެސް މުސާރަ ޖަމާވުމުގެ ކަންތައް އެބަ ދޭ،" އައިމަން ވިދާޅުވިއެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ ބޮޑުވި މުސާރަތަކާއެކު މިއަދު މުސާރަ ޖަމާވާނެ ކަމަށެވެ.

ހާދިސާތަކާ ގުޅިގެން މަގުމައްޗަށް ނުކުންނަ ފުލުހުންނަށް އިސްކަންދީގެން ފުލުހުންގެ ބައެއް އެލަވެންސްތައް ވަނީ އިތުރުކޮށްފައެވެ.