01 Feb 2017, 11:01
މި މަހުގެ ތެރޭގައި ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ފައިނޭންސިންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.
އެ ބޭންކުގެ އިޖްތިމާއީ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވަނީ އެ ބޭންކުގެ ތާރީޚަށް އަލިއަޅުވާލައި، ބޭންކުން ތައާރަފްކޮށްފައިވާ ޚިދުމަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ދާދި ފަހުން އިސްލާމިކް ބޭންކިންގެ ޚިދުމަތް ތައާރަފްކޮށްފައިވާ ކަމަށާއި ފެބްރުއަރީ މަސް ތެރޭގައި އިސްލާމިކް ބޭންކިންގެ ދަށުން އިސްލާމިކް ފައިނޭންސިންގެ ޚިދުމަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ބީއެމްއެލުން ތައާރަފު ކުރި ސެލްފް ސާވިސް އޭޓީއެމްތައް ބޭނުންކޮށްގެން މިދިޔަ އަހަރު ހަތަރު މިލިއަން ޓްރާންސެކްޝަން ހަދާފައިވާއިރު އެ ބޭންކުގެ ކާޑުތައް މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މިދިޔަ އަހަރު ކޮށްފައިވާ މުއާމަލާތުގެ އަގު 23 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ކޮންމެ މިނެޓަކަށް 40،000 ރުފިޔާގެ ވިޔަފާރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ތާކު ހުރެގެން ވެސް ބޭންކިންގެ ހިދުމަތް ހޯދޭ އިންޓަނެޓް ބޭންކިންނަކީ ވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ހިދުމަތަކަށް ވަނީވެފަ، އިންޓަނެޓް ބޭންކިން ބޭނުންކުރާ އެއް ލައްކައަށްވުރެ ގިނަ ކަސްޓަމަރުން އެބަތިބި،" ޝަރީފު ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ ވިއުގަ އަކީ މިހާރު ރާއްޖޭގައި އޮޕަރޭޓު ކުރާ ބޭންކުތަކުގެ ތެރެއިން އެންމެ ވަރުގަދަ އަދި އެންމެ ފުޅާ ވިއުގަ ބޭނުން ކުރާ ބޭންކު ކަމަށެވެ.
"ރާއްޖޭގެ ބޭންކުތަކުގެ އެއްކޮށްލުމުންވެސް އަޅުގަނޑުމެންގެ ވިއުގައާ އެއްވަރެއް ނުކުރެވޭނެ،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއަކީ މިހާރު ރާއްޖޭގައި އޮޕަރޭޓު ކުރާ ބޭންކުތަކުގެ ތެރެއިން އެންމެ ކުރީގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏެވެ. އެގޮތުން މިހާރު ރާއްޖޭގެ 20 އަތޮޅުގައި އެބޭންކުގެ 31 ބްރާންޗް ހުރި އިރު 78 އޭޓީއެމް ގާއިމްކޮށްފައި އެބަހުއްޓެވެ. އަދި 4000 ޕީއޯއެސް މާޗަންޓުންނާ އެކު 190 ކޭޝް އޭޖެންޓުންގެ އިތުރުން 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް މެދުވެރުކޮށް އެ ބޭންކުން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ރާއްޖޭގެ ޓޮޕް ބޭންކުގެ ފަޚުރާއެކު މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 281.8 މިލިއަން ރުފިޔާގެ ރެކޯޑު ފައިދާއެއް ލިބިފައެވެ.