ޑިއެގޯ ކޮސްޓާގެ ޕެނަލްޓީ ނާކާމިޔާބުވިޔަސް، ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާއި ޗެލްސީ ރޭ ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު އެ މެޗުން ޗެލްސީ އެއްވަރުވި ނަމަވެސް، އެ ޓީމަށް ވަނީ ތާވަލުގެ އެއްވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން ޗެލްސީއަށް ޑޭވިޑް ލުއިޒް ލީޑު ހޯދައިދިން ނަމަވެސް، ޖޯޖީނިއޯ ވައިނަލްޑަމް ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ލިވަޕޫލުން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، އަލުން ލީޑު ހޯދުމަށް ޗެލްސީއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ނަމަވެސް ކޮސްޓާ ފޮނުވާލި އެ ޕެނަލްޓީ، ލިވަޕޫލްގެ ގޯލްކީޕަރު ސިމޮން މިގްނޮލޭ ވަނީ މަތަކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޗެލްސީގެ ކޯޗު ބުނީ، މިފަދަ ދުވަސްކޮޅެއްގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ. ޖެހިޖެހިގެން ތިން މެޗުން ބަލިވެފަ އޮތް ޓީމަކާ ދެކޮޅަށް ކުޅެ، މޮޅުވުމަކީ ފަސޭހަ ކަމަކަށްނުވާނެ. އަދި އެންފީލްޑްގައި އޮތް މާހައުލުން ވެސް އެކަމަކީ ފަސޭހަކަމަކަށް ނުވާނެ. އަހަރެންވެސް ކުރިން ފުޓްބޯޅަ ކުޅުނިން. އަދި މާހައުލުގެ ސަބަބުން ކުޅުންތެރިޔަކަށް އުނދުގޫތަކާ ކުރިމަތިލާން ޖެހޭނެކަން އެނގޭ. މިއީ ލިބުނު ރަނގަޅު ޕޮއިންޓެއް،" އޭނާ ބުންޏެވެ.

ކޮންޓޭ ބުނީ، ކޮސްޓާ ޕެނަލްޓީ ފޮނުވާލީ ވަރަށް ރަނގަޅަށް ކަމަށާއި ކީޕަރު މިގްނެލޭ ވަރަށް ރަނގަޅަށް އެ ޕެނަލްޓީ މަތަކޮށްފައިވާ ކަމަށެވެ. އެ ޕެނަލްޓީއަށްފަހު ޗެލްސީއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބުނު ކަމަށް ވެސް އޭނާ ބުންޏެވެ.

ޕްރިމިއާ ލީގު ތާވަލަށް ބަލައިލާއިރު، އަދިވެސް އެއްވަނައިގައި އޮތީ ޗެލްސީއެވެ. ކުޅުނު 23 މެޗުން ލިބުނު 56 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތްއިރު، ދެވަނައިގައި އޮތް ޓޮޓެންހަމްއާއި ތިންވަނައިގައި އާސެނަލަށް ވެސް 23 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. ޓޮޓެންހަމް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ލިވަޕޫލަށް 23 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.