26 Jun 2011, 09:12
ސެޕްޓެމްބަރ 11 ގެ ޙަމަލާތަކުގެ ޙަޤީޤަތް ހާމަކުރުމަށް އީރާނުގެ ރައީސް އަހްމަދީ ނެޖާދު އެމެރިކާއަށް ގޮވާލައްވައިިފިއެވެ.
ޓެރަރިޒަމާ ދެކޮޅަށް ތެހެރާންގައި މިއަދު ފެށި ބައިނަލްއަޤްވާމީ މަހާސިންތާއެއް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަ ފުޅުގައި ނެޖާދް ވިދާޅުވީ އެެމެރިކާއިން ސިޔާސީ އަދި އިޤްތިސާދީ ބޭނުންތަކުގައި ސެޕްޓެމްބަރ 11 އިގެ ޙަމަލާތަކުގެ ޙަޤީޤަތް ފޮރުވައި އެހަމަލާތައް އެމެރިކާ އިޤްތިސާދީ ބޭނުންތަކަށާއި ސިޔާސީ ހަތިޔާރަކަށް ހަދައިގެން އިސްލާމީ ޤައުމުތަކަށް ބިރުދައްކަމުން ގެންދާ ކަމުގައެވެ.
ނެޖާދް ވިދާޅުވީ ސެޕްޓެމްބަރ 11 ގެ ޙަމަލާތަކަކީ އެމެރިކާ އާއި އަލްޤާޢިދާ ބުނާގޮތަށް އެޖަމާތަށް ކުރެވޭނެކަމެއް ނޫންކަމުގައެވެ. އެ ހަމަލާތަކުގައި ބޭނުންކޮށްފައިވާ އެއްވެސް މަތިންދާބޯޓެއްގެ ކަޅުފޮށި ހުޅުވަން އެމެރިކާ ބޭނުންނުވުމަކީ މިކަމުގެ ހެއްކެތް ކަމަށާ ކަޅުފޮއްޓާ ބެހޭ ވާހަކަ ނުދައްކައި ކަޅުފޮށީގެ ވާހަކަ އޮއްބާލާފައިވަނީވެސް އެކަމުގެ ހަޤީޤަތް ދުނިޔެއަށް ހާމަ ވެދާނެތީ ކަމަށް ނެޖާދް ވިދާޅުވިއެވެ.
މީގެ އިތުރުން ސެޕްޓެމްބަރ 11 ގެ ޙަމަލާތަކަށްފަހު އެމެރިކާ މުޅި ދުނިޔޭގައި ބިރުވެރިކަން އުފައްދައި ޚާއްސަކޮށް މުސްލިމުންނަށާއި އިސްލާމީ ޤައުމުތަކަށް ފުޅާ ދާއިރާއެއްގައި ބިރު ދައްކަމުން ގެންދާ ކަމަށާ އެމެރިކާގެ މަސްލަޙަތާ ފުށުއަރާ ކޮންމެ ކަމަކީ ޓެރަރިޒަމް ކަމަށް އެެމެރިކާ ސިފަކުރަމުން ކަމަށްވެސް ނެޖާދް ވިދާޅުވިއެވެ.
ސެޕްޓެމްބަރ 11 ގެ ޙަމަލާތަކުގެ ފަހަތުގައިވަނީ އަލްޤާޢިދާ ކަމަށް އެމެރިކާ ތުހުމަތު ކުރުމާއެކު އެޖަމާޢަތުންވެސްވަނީ އެކަމުގެ ޒިންމާ އުފުލާފައެވެ. ނަމަވެސް އެމެރިކާއަށް ރޭކާނުލާގޮތަށް އެޤައުމުގެ އެތެރޭގައި އަލްޤާޢިދާގެ ހައެއްކަ ހަނގުރާމަވެރިންނަށް އެފަދަ ވަރުގަދަ އޮޕަރޭޝަނެއް ހިންގޭނެ ކަމާމެދު ތަޖްރިބާކާރުންނާއި ޚުދު އެމެރިކާގެ ބައެއް ރައްޔިތުންވެސް ޝައްކު ކުރެއެވެ.
ސެޕްޓެމްބަރ 11 ގެ ޙަމަލާތަކަކީ އެމެރިކާ ބޭނުންވާ ސިޔާސީ މަޤްސަދްތަކެއް ޙާސިލް ކުރުމަށް މަގުފަހި ކުރުމަށްޓަކައި އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.ައި.އޭން.) ހިންގާފައިވާ ސިއްރު އޮޕަރޭޝަނެއް ކަމަށްވެސް ދުނިޔޭގެ ގިނަ ބަޔަކު ޤަބޫލުކުރާ ކަމަށް މީޑޔާ ރިޕޯޓްތައް ބުނެއެވެ.
ތެހެރާންގައި މިއަދު ފެށުނު ޓެރަރިޒަމާ އިދިކޮޅު ބައިނަލްއަޤްވާމީ މަހާސިންތާގައި ދުނިޔޭގެ ބައެއް ޤައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުންނާއި އިސްމަސްއޫލުވެރިންގެ 80 އެއްހާ ބޭފުޅުންގެ އިތުރުން ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތައް ވެސް މިމަހާސިންތާގައި ބައިވެރިވެއެވެ. (އަލްޖަޒީރާ)