01 Feb 2017, 09:54
ރިޔާދު (ފެބްރުއަރީ 1): ސައުދީ އަރަބިއާގައި ބައެއް މުދަލުން ވެލިއު އެޑެޑް ޓެކްސް ނަގަން އެގައުމުގެ ސަރުކާރުގެ ކެބިނެޓުން ފާސްކޮށްފި އެވެ.
އޭއެފްޕީގައިވާ ގޮތުން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގައި ހިމެނޭ ހަ ގައުމާ އެކު މިދިޔަ އަހަރު ސައުދީ އަރަބިއާ އިން ހެދި އެއްބަސްވުމެއްގެ ދަށުން އެގައުމުން ވަނީ ބައެއް މުދަލުން ފަސް ޕަސެންޓް ޓެކްސް ނަގަން އެއްބަސްވެފަ އެވެ.
ސައުދީ އަރަބިއާއަކީ މީގެ ކުރިން ޓެކްސް ނަގާ ގައުމެއް ނޫނެވެ. ނަމަވެސް ފަހުގެ އަހަރުތަކުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން އެގައުމަށް ވަނީ ރެވެނިއު އިތުރު ކުރާނެ ގޮތްތައް ހޯދަން މަޖުބޫރުވެފަ އެވެ.
ސައުދީން ޓެކްސް ނަގަން ނިންމީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ލަފާގެ މަތިންނެވެ. ޖީސީސީގައި ހިމެނޭ އެހެން ގައުމުތަކުން ވަނީ ދުންފަތާއި، ސޮފްޓް ޑްރިންކްސް އާއި އެނާޖީ ޑްރިންކްސްއިން ޓެކްސް ނަގަން މިދިޔަ އަހަރު ފަށައިފަ އެވެ.
ދެހާސްސާދަ ވަަނަ އަހަރު ތެޔޮ ބެރެލްއެއްގެ އަގު 100 ޑޮލަރުގައި އޮތުމަށް ފަހު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބެރެލްއެއްގެ އަގު ވަނީ 29 ޑޮލަރަށް ވެއްޓިފަ އެވެ. އަދި ފަހަކަށް އައިސް ބެރެލްއެއްގެ އަގު ވަނީ 55 ޑޮލަރުގައި ހިފެހެއްޓިފަ އެވެ.
ސައުދީ އަރަބިއާ އަކީ މުޅި ދުނިޔެއިން ވެސް އެންމެ ގިނައިން ތެޔޮ ބޭރުކުރާ ގައުމެވެ. އަދި ތެލުގެ އަގު ދަށްވުމުގެ ސަބަބުން އެގައުމަށް ވަނީ ބޮޑެތި އިންވެސްޓްމެންޓުތައް ހުއްޓާލައި ސަރުކާރުގެ މުވައްޒަފުންނަށް ދޭ މުސާރަ ކުޑަކުރަން ޖެހިފަ އެވެ.
މިދިޔަ އަހަރު އެގައުމަށް 97 ބިލިއަން ޑޮލަރުގެ ބަޖެޓް ޑެފިސިޓަކާ ކުރިމަތިލާން ޖެހުނެވެ. އަދި މި އަހަރު 53 ބިލިއަން ޑޮލަރުގެ ބަޖެޓް ޑެފިސިޓަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެގައުމުން ލަފާ ކުރެ އެވެ. (އިންޑިޕެންޑެންޓް)