01 Feb 2017, 10:07
ހިދުމަތުގައި 52 އަހަރުވީ އެސްޓީއޯ މުވައްޒިފުންނަށް އެ ކުންފުނިން ފުލެޓް ދިނުމަށް ނިންމައިފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެސްޓީއޯ މުވައްޒިފުންނަށް އެންމެ ދަތިވާ ކަމަކީ ބޯހިޔާވަހިކަމަށްވާ އިރު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ކުންފުނީގެމުވައްޒިފުންގެ ތެރެއިން ފުލެޓް ލިބޭނެ ފަރާތްތައް އިއުލާން ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އެސްޓީއޯ މުވައްޒިފުންނަށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ފެށުމުގެ ގޮތުން ދިރާސާތަކެއް ކުރާތާ ދުވަސް ކޮޅެއްވެއްޖެ،" ޝަހީރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ނިންމާފައި ވަނީ އެސްޓީއޯ ސުޓާފުންނަށް ހާއްސަ ހައުސިން ސުކީމެއް ފެއްޓުމަށް، މާގިނަ ދުވަހެއްނުވެ ކުރެއިޓީރިއާތަކެއް ނިންމުމަށް ފަހު އަޅުގަނޑުމެން މިކަން އިއުލާން ކުރާނަން،"
އެސްޓީއޯ މެނޭޖްމަންޓުން ބަލަނީ އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމަށް އަންނަ އެސްޓީއޯ މުވައްޒިފުންނަކީ އެކަމަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުން ކަމަށް ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކަށް ބަލާ އިރު އެސްޓީއޯ މުވައްޒިފުންނަކީ ފައިދާއަށް ބެލިޔަސް އެންމެ ރަނގަޅަށް އެކަންކަން ކޮށްދޭ ކުންފުނި ކަމަށެވެ.