01 Feb 2017, 09:38
ވޮޝިންޓަން (ފެބްރުއަރީ 01) : އީރާނުން މިދިޔަ ހޯމަ ދުވަހު ކުރި ބެލަސްޓިކް މިސައިލްގެ ތަޖްރިބާއަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާ އެއީ އީރާނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމެއްކަމުގެ އިންޒާރު އެމެރިކާއިން ދީފި އެވެ.
އީރާނުގެ މިތަޖްރިބާއަކީ ބައިނަލްއަގްވާމީ އަމްނާއި ސުލްޙައަށް ނުރައްކާތެރި ކަމެއްކަމަށް ބުނެ އެމެރިކާ އިން ވަނީ މި މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދިފަ އެވެ. އދ. ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންބޫދު ނިކީ ހެއިލީ ވިދާޅުވީ އީރާނުގެ އަމަލަކީ ނުރައްކާތެރި އަމަލެއް ކަމަށާއި އެއީ އީރާނުން އަސްކަރީ ބާރުގަދަކޮށް ރޮކެޓް ސައެންސާއި ނިއުކްލިޔާ ސައެންސްގެ ރީސާޗްތައް ހަދައި އޭގެ ޓެކްނޮލޮޖީ ތަރައްގީ ކުރަމުންގެންދާ ކަމުގެ ހެއްކެއްކަމުގަ އެވެ.
އީރާނުން ތަޖްރިބާކުރި މެދުރާސްތާގެ ބެލަސްޓިކް މިސައިލަކީ ނިއުކްލިޔާ ވޯހެޑް އުފުލުގެ ގާބިލްކަން ލިބިފައިވާ މިސައިލެއްކަމަށާއި އީރާން މަސައްކަތް ކުރަމުންގެންދަނީ ސަބްމެރިން މެދުވެރިކޮށް ބެލަސްޓިކް މިސައިލާއި ކްރޫޒް މިސައިލްގެ ތަޖްރިބާތައް ކުރުމަށްކަމަށް ވެސް އިންޑިޔާ ނަސްލުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ނިކީ ތުހުމަތު ކުރެއްވި އެވެ.
އީރާނުން ވަނީ ބެލަސްޓިކް މިސައިލް ތަރައްގީ ކުރުމާއި އެމިސައިލްގެ ތަޖްރިބާތައް ކުރުމަކީ އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކޮށްފައިވާ ނިއުކްލިޔާ އެއްބަސްވުމާ އެއްވެސް ވަރަކަށް ޚިލާފް ކަމެއްނޫންކަމަށް ބުނެފަ އެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ އީރާނުގެ އަމިއްލަ ދިފާއަށް ބޭނުންވާ ހަތިޔާރު ތަރައްގީ ކުރުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށާ މިހައްގު އީރާނުން ދިފާއުކުރާނެ ކަމުގައެވެ. އަދި އެއްވެސް ގައުމަކަށް އީރާނުގެ ދިފާއާ ނުކުޅެވޭނެކަމަށާއި ބެލަސްޓިކް މިސައިލް ތަރައްގީ ކުރުމާއި އޭގެ ތަޖްރިބާތައް ކުރުމަކީ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފް ކަމެއްނޫންކަމަށް ޖަވާދު ޒަރީފް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ރިޔާސީ ކޭންޕޭންގެ ދުވަސްވަރު އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިއެއްބަސްވުމަކީ ދުނިޔޭގެ ބޮޑުފަސްބާރާއި ޖަރުމަނުވިލާތް ހިމެނޭގޮތަށް ސޮއިކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ފާސްކޮށް ތަސްދީގުކޮށްފައިވާ އެއްބަސްވުމަކަށްވާތީ އެމެރިކާ ވަކިވިނަމަވެސް މިއެއްބަސްވުން ބާތިލް އެއްނުވާނެ އެވެ.
މިއެއްބަސްވުމުން އެމެރިކާ ވަކިވެއްޖެ ނަމަ އެމެރިކާ ދުނިޔޭގައި އިތުރަށް އެކަހެރިވެގެންދާތީއާއި ނިއުކްލިޔާ މައްސަލާގައި ޔޫރަޕްގެ ގައުމުތަކާއި ރަޝިޔާއޮތީ އީރާނާއެކުގައި ކަމަށްވާތީ ޓްރަޕްގެ ރިޔާސީ ޓީމުގައި ހިމެނޭ މަސްއޫލުވެރިއަކު ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން ވަކިވުމުގެ މައްސަލަ ޓްރަމްޕްގެ ސަރުކާރުން އަލުން މުރާޖަޢާ ކުރާނެކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ މިސައިލް ތަޖްރިބާގެ މައްސަލައާ ގުޅިގެން ޓްރަމްޕް އެއްޗެއް ވިދާޅެއްނުވެ އެވެ. ނަމަވެސް އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ހަރުކަށި ބޭފުޅަކުވަނީ އީރާނަށް އަސްކަރީ ގޮތުން އިސްވެ ހަމަލާދިނުމުގެ ގަރާރެއްގެ ދެލިކޮޕީ ސެނެޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން މިގަރާރު ފާސްވުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް މުރާސިލުން ބުނެ އެވެ.
މިއާއެކު އަލްގާއިދާއާއި ތާލިބާނުންނާއި އައިއެސްފަދަ ޖަމާއަތްތައް ބަލިނުކުރެވުނު އެމެރިކާއަށް އީރާންފަދަ އަސްކަރީ ގޮތުން ބާރުގަދަ ގައުމަކާ ދެކޮޅަށް ހަނގުރާމަކުރުމަކީ ފަސޭހަ ކަމަކަށް ވެދާނެތޯ ކުރިން އުފެދިފައިވާ ސުވާލު މިހާރު އަނެއްކާ މިވަނީ ފެންމަތިވެފަ އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އީރާނަށް އިސްވެ ހަމަލާދޭނެ ކަމުގެ އިންޒާރު އަށް އަހަރުވަންދެން އެމެރިކާއާއި އިސްރާއީލުން ދިނެވެ. ނަމަވެސް މިދެގައުމުން ކުރެ އެއްގައުމަކަށް ވެސް އީރާނާ ކުޅެލަން ކެރިފައެއްނުވެ އެވެ. އަދި މިދެ ގައުމުގެ ބިރު ދެއްކުންތަކާއި އދ. އިން ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް އީރާން ވަނީ ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔާ ބޮން އުފެއްދޭ މިންވަރަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީކޮށްފަ އެވެ. މިކަން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާއި އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީން ވަނީ ގަބޫލު ވެސް ކޮށްފަ އެވެ.
ނިއުކްލިޔާ ސައެންސްގެ ދާއިރާގައި އީރާން ހޯދި މިކުރިއެރުންތަކާ ގުޅިގެން އޮބާމާގެ ވެރިކަމުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަނީ އީރާނުގެ ނިއުކްލިޔާ ޓެކްނޮލޮޖީ އާއި ރިސާޗްތައް އަސްކަރީ ކަންކަމަށް ބޭނުންކުރުން މަނާކޮށް ހަމައެކަނި މަދަނީ ބޭނުންތަކަށް އެޓެކްނޮލޮޖީ ބޭނުންކުރުމާ ބެހޭ އެއްބަސްވުމެއްގައި އީރާނާ އެކު ސޮއިކޮށްފަ އެވެ.
މިއެއްބަސްވުމުގައި ބެލަސްޓިކް މިސައިލްގެ އެއްވެސް ބައެއް ހިމެނިފައެއް ނުވެ އެވެ. މިއެއްބަސްވުމުގެ ދަށުން ޔޫރަޕްގެ ގައުމުތަކާއި އދ. އާއި އެމެރިކާއިން ވަނީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފަ އެވެ. ނަމަވެސް އެމެރިކާއިން ބައެއް ފިޔަވަޅުތައް އަދިވެސް އުވާލާފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)