އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން އެއްވަރުވި ނަމަވެސް، ޗެލްސީން ތާވަލުގެ އެއްވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ލިވަޕޫލްއާއި ޗެލްސީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. ޗެލްސީއަށް ނުވަ ޕޮއިންޓްގެ ލީޑެއް ލިބުނީ ވެޓްފޯޑް އަތުން އާސެނަލް ބަލިވެ، ސަންޑަލޭންޑް އަތުން ޓޮޓެންހަމް ހޮޓްސްޕާ އެއްވަރުވުމާ ގުޅިގެންނެވެ.

މެޗުގެ ފުރަތަމަކޮޅު ލިވަޕޫލުން ރަނގަޅަށް ކުޅެ، ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ޗެލްސީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޗެލްސީއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް އެލަނޑު ކާމިޔާބުކޮށްދިނީ ޑޭވިޑް ލުއިޒް އެވެ. ހިލޭ ޖެހުމުން ލުއިޒް ހަމަލާ ފޮނުވާލި އިރު، ލިވަޕޫލްގެ ގޯލްކީޕަރު ސިމޯން މިގްނޮލޭއަށް ރަނގަޅަށް ތައްޔާރުވެވިފައެއް ނުވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

އޭގެ މާގިނައިރުތަކެއް ނުވަނީސް ޗެލްސީއަށް އިތުރު ލަނޑެއްޖަހައި ލީޑު ހޯދުމަށް ވެސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ވިލިއަން ނަގައިދިން ހިލޭ ޖެހުން ލުއިޒްގެ ފައިގައި ލައްވާލާފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ލިވަޕޫލްގެ ބްރެޒިލް ފޯވަޑް ރޮބާޓޯ ފާމީނޯއަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ދެ ހަމަލާވެސް ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ 57 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޖޭމްސް މިލްނާ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ ވައިނަލްޑަމް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޗެލްސީ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑިއޭގޯ ކޮސްޓާއަށް ޑެޖާން ލޮވްރެން ކުރި ފައުލަކާ ގުޅިގެން ޗެލްސީއަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ނަމަވެސް ކޮސްޓާ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު މިގްނޮލޭ ވަނީ ހުޝިޔާރުކަމާ އެކު މަތަކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ޕްރިމިއާ ލީގު ތާވަލަށް ބަލައިލާއިރު، އަދިވެސް އެއްވަނައިގައި އޮތީ ޗެލްސީއެވެ. ކުޅުނު 23 މެޗުން ލިބުނު 56 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތްއިރު، ދެވަނައިގައި އޮތް ޓޮޓެންހަމްއާއި ތިންވަނައިގައި އާސެނަލަށް ވެސް 23 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. ޓޮޓެންހަމް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ލިވަޕޫލަށް 23 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.