އިނގިރޭސި ޕްރިމިއާ ލީގުގައި ވެޓްފޯޑް އަތުން އާސެނަލް ބަލިވިއިރު، ޓޮޓެންހަމް ހޮޓްސްޕާއިން ސަންޑަލޭންޑް އަތުން ޕޮއިންޓެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ވެޓްފޯޑް އަތުން އާސެނަލް ބަލިވެފައިވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅު ވެޓްފޯޑުން ވަނީ ދެ ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ ދިހަވަނަ މިނެޓުގައި ޓޮމް ކްލެވަލީ ދިން ބޯޅައަކުން ވެޓްފޯޑަށް ޔޫނެސް ކާބޫލް ލީޑު ހޯދައިދިންއިރު، އޭގެ ތިން މިނެޓް ފަހުން ވެޓްފޯޑަށް ލީޑު ފުޅާކޮށްދިނީ ޓްރޯއީ ޑީނޭއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެޓްފޯޑުން ރަނގަޅު ކުޅުމެއް ދައްކައި، ފުރުސަތުތަކެއް ތަނަވަސްކުރިއިރު، އާސެނަލަށް އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ވެޓްފޯޑް ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ސަންޑަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފު އާސެނަލުން ފެށީ ވަރުގަދަ ކުޅުމަކާއެކުއެވެ. އެގޮތުން އާސެނަލުން ކައިރިކައިރީގައި ރަނގަޅު ދެ ހަމަލާއެއް އުފެއްދިއެވެ. އޮކްލޭޑް ޗެމްބަލޭންއާއި މެސުޓް އޮޒިލް އުފެއްދި ދެ ހަމަލާ ވެސް ވެޓްފޯޑްގެ ކީޕަރު ގޮމޭސް ވަނީ މަތަކޮށްފައެވެ.

މެޗުގެ 58 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފައެވެ. އެލެކްސިސް ސަންޗޭޒް ދިން ބޯޅައަކުން އާސެނަލަށް އެލަނޑު ކާމިޔާބުކޮށްދީ، އުންމީދު އާކޮށްދިނީ އެލެކްސް އިވޯބީއެވެ. ނަމަވެސް އެލަނޑަށްފަހު އާސެނަލަށް ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

އާސެނަލުން ވެޓްފޯޑް އަތުން ބަލިވިއިރު، ޓޮޓެންހަމް ހޮޓްސްޕާ ވަނީ ސަންޑަލޭންޑް އަތުން ޕޮއިންޓެއް ހޯދައި، ޕޮއިންޓްގެ ގޮތުން އާސެނަލާ އެއްވަރުކޮށް ގޯލުގެ ތަފާތުން އާސެނަލަށްވުރެ ކުރިއަށް ޖެހިލައިފައެވެ. ސަންޑަލޭންޑްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި ސަންޑަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި ސަންޑަލޭންޑަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް، ޓޮޓެންހަމްގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. ފުރަތަމަ ހާފެކޭ ހިލާފަށް ދެވަނަ ހާފުގައި ޓޮޓެންހަމްއިން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. ނަމަވެސް ސަންޑަލޭންޑް އަތުން ޓޮޓެންހަމްއަށް ވަނީ ތިން ޕޮއިންޓް ހޯދޭގޮތެއް ނުވެފައެވެ.

ޕްރިމިއާ ލީގު ތާވަލަށް ބަލައިލާއިރު، އަދިވެސް އެއްވަނައިގައި އޮތީ ޗެލްސީއެވެ. ކުޅުނު 23 މެޗުން ލިބުނު 56 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތްއިރު، ދެވަނައިގައި އޮތް ޓޮޓެންހަމްއާއި ތިންވަނައިގައި އާސެނަލަށް ވެސް 23 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. ޓޮޓެންހަމް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ލިވަޕޫލަށް 23 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.