01 Feb 2017, 00:51
ފްރާންސްގެ ވެރިކަމަށް ވާދަކުރައްވާ ކެނޑިޑޭޓް، ފްރެންކޮއިސް ފިލޮން ގެ އަނބިމީހާ އަދާނުކުރާ ވަޒީފާއެއްގެ ފައިސާ އޭނާއަށް ދޭ މައްސަލައެއްގައި ފްރާންސްގެ ފުލުހުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ބަލައިފާސްކޮށްފި އެވެ.
ފްރާންސްގެ ގާނޫނު ހަދާ މަޖިލިސް ފުލުހުން ބަލައިފާސްކުރީ އެތަނުގައި ފްރެންކޮއިސްގެ އޮފީސް ހުންނާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފްރެންކޮއިސް ފިލޮން އަކީ ފްރާންސުގެ މަޖިލިސް މެންބަރެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފުލުހުން ފްރާންސުގެ ގާނޫނުހަދާ މަޖިލިސް ރެއިޑް ކުރީ އޭނާގެ އަނބިމީހާ އަށް ވޭތުވެދިޔަ އަށް އަހަރު ފަސް ލައްކަ ޔޫރޯ މުސާރައެއްގެ ގޮތުގައި ދީފައިވާކަމަށް މީޑިއާއެއްގައި ރިޕޯޓްކޮށްފައި ވުމުންނެވެ. ފްރާންސްގެ ގާނޫނުތައް ބުނާ ގޮތުން ސިޔާސީ ވަޒީފާއެއްގައި ހުރި މީހަކު އޭނާގެ މުވައްޒަފުންގެ ގޮތުގައި އާއިލާގެ މީހަކަށް ދައުލަތުން މުސާރަ ސީދިގެން ވަޒީފާ އަދާ ނުކުރެވޭނެ އެވެ.
ފްރެންކޮއިސް ފިލޮންގެ ވަޒީފާއެއް ގޮތުން އޭނާގެ އަނބިމީހާ އަދާކޮށްފައި ވަނީ ޕާލަމެންޓް އެސިސްޓެންޓެއްގެ ވަޒީފާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ދަ ގާޑިއަން ނޫހުގައި ރިޕޯޓްކޮށްފައި ވަނީ ފިލޮން އާއި އޭނާގެ އަނބިމީހާ އަށް ފްރާންސްގެ އެންޓި ކޮރަޕްޝަން އޮފިސަރުން ފަސް ގަޑިއިރު ވަންދެން އެކަމާ ގުޅޭގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ ގައުމުގެ ތަހުގީގު ފުލުހުން އަންނަނީ އޭނާގެ ވަޒީފާގެ ކޮންޓްރެކްޓްތައް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފްރާންސްގެ ސިޔާސީ މީހުން އެމީހުންގެ ވަޒީފާގައި ތިބޭ މީހުންނަށް މުސާރަދެނީ ޕްބްލިކް ފަންޑަކުންނެވެ. ނަމަވެސް އެ ވަޒީފާގައި އާއިލާ މީހަކު ނުގެންގުޅެވޭ އިރު، ފިލޮން އޭނާގެ އަނބިމީހާ ގެންގުޅުމުގެ ތުހުމަތުކޮށް އެ ގައުމުގެ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.