31 Jan 2017, 23:18
ދިވެހި މުޖުތަމައުއަށް އެކި ދާއިރާތަކުން އެހީތެރިވުމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން މިރޭ އެ ކުންފުނީގެ ކޮމިއުނިޓީ ޕްރޮގްރާމް، "އަހަރެންގެ ބޭންކް" ތައާރަފްކޮށްފި އެވެ.
ޗަމްޕާ، ސެންޓްރަލް ހޮޓަލުގައި މިރޭ ބޭއްވި ހަފްލާގައި އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެ ބޭންކްގެ ޗެއާމަން ފަރީހާ ޝަރީފާއި އެ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.
މިރޭގެ ހަފްލާގައި އެ ބޭންކުން ހާމަކޮށްފައި ވަނީ ބޭންކުގެ ހިދުމަތްތަކުގެ ފައިދާ އާންމުންނަށް ބުނެ ދިނުމަށް އަންނަ މަހުގެ ކޮންމެ ދުވަހަކު ހާއްސަ ހަރަކާތެއް ހިންގާނެ އެވެ. އެ ހަރަކާތުގެ މަގުސަދަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުން ކަމަށާއި ޕްރޮގްރާމުގެ ދަށުން ދެމެހެއްޓެނެވި މަޝްރޫއެއް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އެ ބޭންކުން ބުނި ގޮތުގައި، އެ ގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތައް ފޭސްބުކް ލައިވްގައި ޕޯސްޓުކޮށް އެންމެ ގިނަ ލައިކްސް ލިބެ ރަނގަޅު ޕްރޮޕޯސަލެއް ހޯދައި، އެ ޕްރޮޕޯސަލްގައި ބަޔާންކުރާ މަޝްރޫއެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އެފަރާތަކަށް 200،000 ރުފިޔާ ދޭނެ އެވެ.
މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ އަހަރު ތެރޭގައި އެކަނި ވެސް އެ ކުންފުންޏާ 20،000 މުޅިން އަލަށް ގުޅުނު ކަމަށެވެ. އަދި އެއާ އެކު އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު 270،000 އަށް އަރާފައިވާ ކަމަށާއި، ދިވެހިންގެ ދިރިއުޅުމާ އެ ބޭންކު ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
31 ޖެނުއަރީ 2017: ބީއެމްއެލް ކޮމިޔުނިޓީ ހަރަކާތްތާއެކު އެ ބޭންކްގެ ކޮމިޔުނިޓީ ޕްރޮގްރާމް، "އަހަރެންގެ ބޭންކް" އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މީގެ އިތުރުން އޭނާ ވިދާޅުވީ މިއަހަރުގެ ތެރޭގައި، ހިލޭ ސާބަހަށް ކުރާ މަސައްކަތަށާއި، ތައުލީމީ ކަންކަމަށާއި ކުޅިވަރު ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ހާއްސަކޮށްގެން މުޅިން އަލަށް މިއަހަރު 10 ސީއެސްއާރު ޕްރޮޖެކްޓެއް އަތޮޅުތަކުގައި ހިންގަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމަށް ޖުމްލަ 300 މިލިއަން ރުފިޔާ ހޭދަ ކުރަން ހަމަޖައްސާފައިވާ ކަމަށާއި، އޭގެ ސަބަބުން 150 އެއްހާ އާ ވަޒީފާގެ ފުރުސަތުތައް ވެސް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ފަހުން އަޅުގަނޑުމެން ވާނީ މިދިޔަ އަހަރު ސީއެސްއާރު އެކްޓިވިޓީސްތަކަށް ޚަރަދު ކުރި މިންވަރުގެ ދެ ގުނަ އިތުރަށް މިއަހަރުގެ ތެރޭގައި އެފަދަ ކަންކަމަށް ޚަރަދުކުރަން ނިންމާފަ. އެގޮތުން މިއަހަރު 300 މިލިއަން ރުފިޔާ މިފަދަ ކަންކަމަށް ހޭދަ ކުރާނެ. މިކަމުގެ ސަބަބުން 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ،" އެންޑްރޫ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވި ގޮތުގައި މިއަހަރުގެ ތެރޭގައި ބޭންކުގެ އާ ބްރާންޗްތަކާއި އޭޓީއެމް އަދި ބިޒްނަސް ސެންޓަރުތައް ރާއްޖޭގެ 22 ރަށެއްގައި ގާއިމްކުރާނެ އެވެ.
ބީއެމްއެލްއަކީ މިހާރު ރާއްޖޭގައި އޮޕަރޭޓު ކުރާ ބޭންކުތަކުގެ ތެރެއިން އެންމެ ކުރީގައި، ޒަމާނީ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏެވެ. އެގޮތުން މިހާރު ރާއްޖޭގެ 20 އަތޮޅުގައި އެބޭންކުގެ 31 ބްރާންޗް ހުރި އިރު 78 އޭޓީއެމް ގާއިމްކޮށްފައި އެބަހުއްޓެވެ. އަދި 4000 ޕީއޯއެސް މާޗަންޓުންނާ އެކު 190 ކޭޝް އޭޖެންޓުންގެ އިތުރުން 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް މެދުވެރުކޮށް އެ ބޭންކުން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ރާއްޖޭގެ ޓޮޕް ބޭންކުގެ ފަޚުރާއެކު މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 281.8 މިލިއަން ރުފިޔާގެ ރެކޯޑު ފައިދާއެއް ލިބިފައެވެ.