26 Jun 2011, 09:09
އަންކަރާ : ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް އުފެއްދުމުގެ ކުރިން މެދުއިރުމަތީގައި ސުލްޙަ ޤާއިމް ނުކުރެވޭނެ ކަމަށް ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ތުރުކީއަށް ވަޑައިގެންއުޅުއްވާ ފަލަސްތީނުގެ ރައީސް މަހްމޫދް ޢައްބާސް އާ ބައްދަލުކުރައްވުމަށްފަހު އަންކަރާގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމުގައާއި ފަލަސްތީނުގެ ހައްޤުތައް އަނބުރައި ހޯދައިދިނުމުގައި ތުރުކީއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގަ އެވެ.
އަދި ފަލަސްތީނުގެ ދިފާޢުގައި ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި ތުރުކީ އަބަދުވެސް ވަކާލާތު ކުރާނެ ކަމަށާ ހުޅަނގު އައްސޭރިއާއި ގައްޒާގައި ފަލަސްތީނުގެ ދައުލަތެއް އުފައްދައި އެދައުލަތުގެ ވެރިރަށަކީ ޤުދްސުގެ އިރުމަތީފަޅި ކަމުގައި ވުމުގެ ކުރިން މެދުއިރުމަތީގައި ސުލްޙަ ޤާއިމް ކުރެވޭނެ ކަމަށް ތުރުކީ ޤަބޫލު ނުކުރާކަމަށް އުރުދުޣާން ވިދާޅުވި އެވެ.
މިނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާސް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތް އިޢްލާން ކުރުމުގެ މައްސަލަ އދ. އަށް ގެންދާނެ ކަމަށާ މިކަމުގައި ފަހަތަށް ޖެހުމެއްނެތް ކަމުގަ އެވެ.
އަދި ފަލަސްތީނުގެ ޖަމާއަތްތަކުގެ މެދުގައި ސުލްޙަ ޤާއިމް ކުރުމަށް ކުރާ މަސައްކަތް ވެސް ހުއްޓާނުލައްވާނެ ކަމަށާ ޙަމާސް އާއި ފަތްޙު ޖަމާޢަތް ގުޅިގެން އެކުލަވާލުމަށް ހަމަޖެހިފައިވާ ފަލަސްތީނުގެ ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރު ވަރަށް އަވަހަށް ވުޖޫދަށް އަންނާނެ ކަމަށްވެސް ޢައްބާސް ވިދާޅުވި އެވެ.
އިއްޔެގެ ވަގުތެއްގައި ޢައްބާސްވަނީ ތުރުކީގެ ރައީސް ޢަބްދުﷲ ގުލް އާވެސް ބައްދަލު ކުރައްވާފަ އެވެ. (އަލްޖަޒީރާ)