އަންހެނުންގެ ބާރުވެރިކަން ހޯދައި އަންހެނުންނަކީ ބާރުވެރި ބަޔަކަށްވުމަށް އަންހެނުން އިސްނަގައިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި އަންހެނުން ބާރުވެރިކުރުމަކީ ބަޔަކު ވެދުންކުރާ ހަދިޔާއެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) ވިދާޅުވެއްޖެ އެވެ.

އެކަމަނާ އެފަދައިން ވިދާޅުވީ "ފަސްޓްލޭޑީ ބަޝިބޯޅަ ޗެމްޕިއަންޝިޕް" ލޯންޗް ކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ވިދާޅުވީ، އަންހެނުންގެ ވިސްނުން މިހާރަށްވުރެ ކުރިއަށް ޖައްސާލަން ޖެހޭ ކަމަށާއި ދުވަހަކަށް ފަހު ދުވަހެއް، އަންހެނުންގެ ކަންކަން ތަރައްގީކުރަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އަންހެނުންގެ ބާރުވެރިކަން މި ލަފްޒަކީ އަޅުގަނޑުމެންނަށް ދޭތެރެ ދޭތެރެއިން އަޑުއިވި މުހާތަބު ކުރަމުން އަންނަ ބަހެއް. އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް އަޅުގަނޑުމެންނަށް ވެދުންކުރާނެ ހަދިޔާއެއް ނޫންކަން،" ފާތުން ވިދާޅުވި އެވެ.

މެޑަމް ވިދާޅުވީ، އަންހެނުންގެ ބާރުވެރިކަމަކީ އަންހެނުންގެ އަމިއްލަ މިލްކެއް ކަމަށާއި އަންހެނުންގެ ބާރުވެރިކަން އަންހެނުންގެ ކިބައިން ނިގުޅައި ގަނެވެނީ ވެސް އެ ބާރުވެރިކަން ނެގުމަށް ޖާގަދެވޭތީ ކަމަށެވެ.

މެޑަމް އިތުރަށް ވިދާޅުވީ، ގާނޫނީ ބާރުވެރިކަމާއި އަނެކާގެ ކިބައިން ހޯދާ އެހީތެރިކަމަކީ އަންހެނުންނަށް ހޯދޭނެ ބާރުވެރިކަމެއް ކަމަށެވެ. އެގޮތުން އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ ތެރެއިން ވެސް އެ ބާރުވެރިކަން ހޯދިދާނެ ކަމަށް މެޑަމް ފާތުމަތު އިބްރާހިމް ވިދާޅުވި އެވެ. އެކަމަށް ބޭނުންވަނީ ހިތްވަރާއި ބުންވަރާއި ކެރުމާއި ހުށިޔާރުކަން ކަމަށް ވެސް މެޑަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެކަކީ ވެސް މުޖުތަމައުގައި ބަލިކަށި މީހެއް ކަމަށް އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ. އަޅުގަނޑުމެންނަކީ ގޯނާތަކާއި ފޮށުމާއި ފުރައްސާރައިގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވާ ފަރާތްތައް. އެފަދަ ދަނޑިވަޅުތަކުގައި އަޅުގަނޑުމެން ބަލިކަށިވެއްޖެނަމަ ދެން ކަންތައްތައް ވެފައި ހުރި ހިތި ގޮތްތައް ހަމަ މި މުޖުތަމައުން ވަނީ ފެނިފައި،" މެޑަމް ވިދާޅުވި އެވެ.

މެޑަމް ވިދާޅުވީ އަންހެނުންނަކީ މުޖުތަމައެއްގެ ދުޅަހެޔޮކަން އެބައެއްގެ މައްޗަށް ބަރޯސާވެފައިވާ ބައެއް ކަމަށެވެ. އަދި ފަރުދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ގައުމީ ގޮތުން ވެސް އަންހެނުންނަކީ އެތައް ޒިންމާއަކާއި ވާޖިބުތަކެއް އުފުލަމުން އަންނަ ބައެއްކަން މެޑަމް ފާހަގަކުރެއްވި އެވެ.