ފަސިންޖަރުން ތިބޭ ސީޓުތަކުގައި ދޫންޏަށް ހިދުމަތް ދިން ފްލައިޓެއް ދެކުނިން ހެއްޔެވެ؟ އެފަދަ ކަންތައްތަކަކީ އާންމު ކަންތައްތަކެއް ނޫނެވެ. އެފަދަ މަންޒަރެއް ފެނުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ އިންސާނުން ފިޔަވައި އެހެނިހެން ދިރޭތަކެތި އުފުލަން ފްލައިޓްތަކުގައި ހާއްސަ ޖާގައެއް ހުރުމެވެ.

ނަމަވެސް މިފަހަރު މި ފެނުނީ ތަފާތު މަންޒަރެކެވެ. ފްލައިޓްގެ ފަހަތުގައި ނުވަތަ ޖަނަވާރުތަކަށް ހާއްސަ ސަރަހައްދުގައި މަޑުނުކޮށް، އޭސީ ކެބިންގައި ތިބެ ދަތުރުކޮށްލުމުގެ ފުރުސަތު ބާޒުތަކަކަށް ވަނީ ލިބިފަ އެވެ. މަހުޖަނު ވެރިމީހާގެ ދީލަތިކަމުންނާއި ކެރިފޯރުންތެރިކަމުގެ ނަސީބުގެ ރަހަ އެ ބާޒުތަކަށް ވަނީ ލިބިފަ އެވެ.

ސައުދީގެ ޕްރިންސަކު އޭނާގެ 80 ބާޒު، އޭނާ ދަތުރުކުރި މަންޒިލަށް ގެންދަން ބޭނުންވުމުން އޭނާ އެތަކެއްޗަށް ވެސް އެތިހާދު އެއާވޭސްގެ ފްލައިޓުގެ އިކޮނޮމީ ކްލާހުން 80 ޓިކެޓް ގަތީއެވެ. އެއީ 80 ގޮނޑި އެވެ. ތިން ބަރިއަކަށް ވާގޮތަށް ގޮނޑިޖަހާފައިވާ ފްލައިޓުގެ މެދުގައި ހުރި ބަރި ހާއްސަވީ މިފަހަރު މި ބާޒުތަކަށެވެ. އާންމުންނެކޭ އެއްގޮތަށް ބާޒުތައް ވެސް ތިބީ އިކޮނޮމީ ކްލާހުގެ ސީޓްތަކުގަ އެވެ.

ބާޒަކީ ސައުދީ އަރަބިއާގެ ގައުމީ ދޫންޏެވެ. އެ ދޫންޏަށް އެގައުމުގެ މީހުން ހާއްސަ އަހައްމިއްޔަތުކަމެއް ދެ އެވެ. ބާޒުތައް ފްލައިޓުގައި ތިބި ފޮޓޯއިން ފެންނަ ގޮތުގައި ބާޒުތައް ތިބީ ކަނުބަނދެފަ އެވެ. އަދި ވަށައިގެންވާ އެހެން ސީޓުތަކުގައި މީހުން ވެސް ތިއްބެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމީހާ ސީޓްތައް ގަތީ ބާޒުތަކަށް "ކޮމްފޯޓެބަލް"ކޮށް ދަތުރުކޮށްލުމުގެ ފުރުސަތު ދިނުމަށެވެ.

ޕާސްޕޯޓެއް ދޫންޏަކަށް ހައްދާފައި ވަނިކޮށް ދެކުނިން ހެއްޔެވެ؟ ހަމަ ގައިމު ވެސް އަޅުގަނޑު ނުދެކެމެވެ. ނަމަވެސް ސައުދީގައި ބާޒަށް ދީފައިވާ އިސްކަމެއްގެ ސަބަބުން މިވަނީ ބާޒަށް ގްރީން ޕާސްޕޯޓެއް ވެސް ހަދައިދީފަ އެވެ.

އެ ޕާސްޕޯޓް ދައްކައިގެން ބަހްރެއިން، ކުވައިތު، އޮމަން، ގަތަރު، ޕާކިސްތާން، މޮރޮއްކޯ އަދި ސީރިއާއަށް ދޫނިތައް ފްލައިޓްތަކުގެ އިކޮނޮމީ ކްލާހުގައި އަދި ބިޒްނަސް ކްލާހުގެ ސީޓްތަކުގައި ގެންދެވޭނެ އެވެ.

އެތިހާދް އެއާވޭސްގެ ސްޕޯކްސް ޕާސަންއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވަނީ، ފެލްކަންސް ނުވަތަ ބާޒު ދަތުރު ކުރުމަށް ހާއްސަ ސީޓް އެތަކެއްޗަށް ފްލައިޓްތަކުން ލިބެންޖެހޭނެ ކަމަށެވެ.

އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ބާޒުތަކަށް ގެއްލުން ނުވާ ގޮތައް އައްސައި، ފައިގެ ދަށަށް ވާގޮތަށް ސީޓް މަތީގައި ވަކި ވައްތަރެއްގެ ފޮތިގަނޑެއް ވެސް ބާއްވަން ޖެހެ އެވެ.

އެފަދަ ކަމެއް ވަނީ 2014 ވަނަ އަހަރު ވެސް ސައުދީގައި ހިނގާފަ އެވެ.