އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިއަދު ބޫޓާނުގެ ތިމްޕޫ ސިޓީއާ ރާއްޖޭގެ ވެލެންސިއާ ކުޅުނު މެޗު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި 0-0ގެ ނަތީޖާ އަކުން އެއްވަރުވެގެން ނިމެއްޖެއެވެ.

ބޫޓާންގެ ޗަންގްލިމަތަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވެލެންސިއާއަށް ވުރެން ރަނގަޅަށް ކުޅެ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރީ ތިމްޕޫ ސިޓީންނެވެ.

ވެލެންސިއާގެ ފަރާތުން ތިމްޕޫގެ ގޯލާއި އަމާޒްކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާ ނުލެވުނު ނަމަވެސް އެ ޓީމުގެ ފަރާތުން ވެސް ވަނީ ރީތި ޕާސިން ގޭމެއް ފެނިގެން ގޮސްފައެވެ.

މެޗުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލްގެ ކުޅުމެވެ. އޭނާ ވަނީ ތިމްޕީގެ ފޯވާޑުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުށިޔާރު ކަމާއި އެކު ދިފާއުކޮށްފައެވެ.

ތިމްޕޫއާ ދެކޮޅަަށް ނިކުއިން ވެލެންސިއާގެ ފުރަތަމަ 11 ---

މިއަދުގެ މެޗަށް ތައްޔާރުވުމުގެ ގޮޮތުން ވެލެންސިއާގެ ފަރިތަކުރުންތަށް ފަށާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ. ހަފްތާއެއް ހާ ދުވަހުގެ ޕްރެކްޓިސްއަށްފަހު ބޫޓާންގައި ކުޅެ އެއްވަރުކޮށްލުމަކީ ވެލެންސިއާއަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ.

ވެލެންސިއާ އާއި ތިމެޕޫ ބައްދަލުުކުރާ ދެވަނަ ލެގްގެ މެޗު އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ މެޗުން ކުރި ލިބޭ ޓީމެއް ޕްލޭއޮފުގައި ބައްދަލުކުރަން ޖެހޭނީ އިންޑިއާގެ މޯހަން ބަގާން އާއި ކޮލަމްބޯ ކުޅެ ކުރި ލިބޭ ޓީމަކާ ދެކޮޅަށެވެ. ޕްލޭއޮފް އޮންނާނީ ފެބްރުއަރީ 21 އަދި 28 ގައެވެ.

ވެލެންސިއާ އިން ވަނީ އޭއެފްސީ ކަޕަށް އެޓީމް ވަރުގަދަކުރުމަށް ތިން ބިދޭސީ ކުޅުންތެރިން ގެނެސްފަ އެވެ. އެއީ މިދިޔަ އަހަރުވެސް އެ ޓީމަށް ކުޅުނު ޗިންޒީ ކަކާ އާއި ވިކްޓަރީ އަށް ކުޅުނު އޮމޮދޫ ގޮޑްފްރޭ ވެސްޓް އަދި އެޓޭކިން މިޑްފީލްޑަރެއް ކަމަށްވާ ޕްރިންސް އެވެ.

އަދި އެ ޓީމުން ވަނީ މިދިޔަ އަހަރު ބީޖީ އަށް ކުޅުނު އިބްރާހިމް ޝިޔާމް (ދޮނާ) އާއި އިބްރާހިމް ހަމްދާނާއި އަހުމަދު އުސާމް އާއި މުހައްމަދު ނިޒާމާއި ވިކްޓަރީ އަށް ކުޅުނު ގޯލްކީޕަރު ހަސަން ތޮލާލާއި މުހައްމަދު ތަސްމީން (ތައްތި) އަދި ނިއު އަށް ކުޅުނު މުހައްމަދު މުސްލިހު (މުއްޓި) ގެނެސްފަ އެވެ..

މިއަދުގެ މެޗުގައި ވެލެންސިއާ އަށް އިރުޝާދުދޭނީ އިގުބާލެވެ. ނަމަވެސް މާލޭގައި ކުޅޭ މެޗުގައި ވެލެންސިއާއަށް އިރުޝާދު ދޭނީ ދާދި ފަހުން އެޓީމްގެ ކޯޗު ކަމާއި ހަވާލުވި އަހުމަދު މުޖުތަބާ (ފެސްކޯ) އެވެ.