31 Jan 2017, 19:10
އެމެރިކާގެ ޓެކްސަސްގައި މިދިޔަ ހޮނިހިރު ދުވަހު އަންދާލި މިސްކިތް މަރާމާތު ކުރަން އެއް މިލިއަން ޑޮލަރުގެ އެހީ ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
އެމެރިކާގެ ބައެއް ނޫސް އެޖެންސީތަކުގައި ރިޕޯޓްކޮށްފައި ވަނީ ހޯމަ ދުވަހުގެ ނިޔަލަށް އެ މިސްކިތް މަރާމާތުކުރަން އެކި ފަރާތްތަކުން އެއް މިލިއަން ޑޮލަރުގެ އެހީ ދީފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު މިސްކިތުގައި އަލިފާން ރޯވެފައި ވަނީ ކޮން ސަބަބާ ހުރެ ކަމެއް ކަމާ ބެހޭ އޮފިޝަލުން ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް ބައެއް ނޫސް އެޖެންސީތަކުގައި އެކި ފަރާތްތަކަށް ހަވާލާދީ ބުނެފައި ވަނީ ބަޔަކު ގަސްދުގައި މިސްކިތް އަންދާލީ ކަމަށެވެ.
ޓެކްސަސްގެ މިސްކިތުގައި އަލިފާން ރޯވިތާ އެއް ދުވަސް ފަހުން ވަނީ ކެނެޑާގެ ކިއުބެކު ސިޓީގެ މިސްކިތެއްގައި ބަޑިން ހަމަލާދީ ހަ މީހުން މަރާލައިފަ އެވެ.
"ގޯ ފަންޑް މީ" ގެ ނަމުގައި އޮމަރު ރާޝިދު ނަމަކަށް ކިޔާ އެމެރިކާގެ މުސްލިމެއް ޔޫކޭގެ އިންޑިޕެންޑެންޓު ނޫހުގައި ބުނެފައި ވަނީ، މިސްކިތް މަރާމާތު ކުރުމަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބުނު ބޮޑު އެހީއަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެކަމުން ފެނިގެން ދަނީ "އެމެރިކާގެ އަސްލު ރޫހު" ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މިސްކިތުގައި ރޯކޮށްލާފައިވާ އިރު، އޭގެ ހަފްތާއެއްހާ ކުރިން އެ މިސްކިތުގައި ހުރި އިލެކްޓްރޯނިކް ސާމާނުން ވައްކަން ކުރުމަށް ބަޔަކު އެ މިސްކިތް ފަޅާލާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.