26 Jun 2011, 00:50
މާލެ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަންގެ ކައުންޓަރުތަކުގައި މާދަމާއިން ފެށިގެން ހިދުމަތް ދޭން ތިބޭނީ ސިފައިން ކަމަށް ހަމަޖައްސައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ސިފައިންނާ ކައުންޓަރުތައް ހަވާލުކުރުމަށް ނިންމައިފައި ވަނީ ބިދޭސީން ގަވައިދާ ހިލާފަށް އެތެރެވާ ގޮތްތައް ބަލައި، ފިޔަވަޅު އެޅުމަށެވެ.
ކައުންޓަރުތަކުން ހިދުމަތް ދޭންވީ ގޮތުގެ ޓްރެއިނިން ވެސް ސިފައިންނަށް މިއަދު ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ ލިބިފައިވެ އެވެ. އަދި މާދަމާ އިން ފެށިގެން ސިފައިން ކައުންޓަރުތަކާ ހަވާލުވާތީ އެތަނުގައި ހިދުމަތް ދޭން އިމިގްރޭޝަން މުވައްޒަފުން މާދަމާ ނުކުންނަން ޖެހޭނީ މާލެ އޮފީހަށް ކަމަށް ވެސްވެ އެވެ. އެއާޕޯޓުގައި ހުރި އެމީހުންގެ ލޮކަރުތައް ހުސްކުރުމަށް މިރޭ އެންގި ކަމަށް ވެސް ވެ އެވެ.
މިކަމާ ގުޅޭ ގޮތުން އިމިގްރޭޝަން ކޮންޓްރޯލަރު އަބްދުﷲ ޝާހިދުގެ ބަހެއް ސަން އަށް މިރޭ ވަނީ ލިބޭ ގޮތްނުވެފަ އެވެ.
އެހެންނަމަވެސް ހަވީރަށް މިރޭ މައުލޫމާތު ދެމުން ކޮންޓްރޯލަރު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި ސިފައިން އެ ކައުންޓަރުތަކާ ހަވާލުވާނީ ކުޑަ ދުވަސްކޮޅަކަށް ކަމަށާއި އޭގެ ބޭނުމަކީ ގަވައިދާ ހިލާފަށް މީހުން ރާއްޖެ ވަދޭތޯ ބެލުމާއި ވަންނަ ނަމަ އެ މީހުންނަށް ވަދެވެނީ ކޮން ލޫޕް ހޯލްތަކެއް ހުރެގެންތޯ ބެލުން ކަމަށެވެ.
ސިފައިން ކައުންޓަރުތަކާ ހަވާލުވި ނަމަވެސް، މުވައްޒަފުން ގަޑިއަށް އޮފީހަށް ނުކުމެ ސޮއިކުރަން ޖެހޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.
އިމިގްރޭޝަނާއި ހިއުމަން ރިސޯސް އިން ކުރަމުންދާ ބިދޭސީންގެ މަސައްކަތާ ގުޅޭ މުޅި އައިޓީ ސިސްޓަމްގެ ކޮންޓްރޯލް މިހާރު ވަނީ ސިފައިންނަށް ދީފަ އެވެ. އަދި އެ ދެ އިދާރާއިން ގަވައިދާ ހިލާފަށް ކަމެއް ހިންގާފައިވޭތޯ ބެލުމަށް ފުލުހުންނަށް ވެސް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.
އިމިގްރޭޝަންގެ ކައުންޓަރުތައް ސިފައިންނާ ހަވާލުކުރަކަން ނިންމާފައި މިވަނީ އިމިގްރޭޝަންގައި ހިނގަމުންދާ ކޮރަޕްޝަނުގެ އަމަލުތަކާއި އަދި އެކަމުގެ ފަހަތުގައިވާ އިސް މުވައްޒަފުންގެ ތަފްސީލު ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެންނެވުމަށް ކުރީގެ ކޮންޓްރޯލާ އިލްޔާސް ހުސެއިން އިބްރާހިމް އެމަނިކުފާނަށް ފޮނުއްވި ސިޓީފުޅެއް މިއަދު ލީކުވެފައިވަނިކޮށެވެ.