31 Jan 2017, 16:09
ބަޣުދާދު(ޖެނުއަރީ 31): އެމެރިކާ ރައްޔިތުން އިރާގަށް ދިޔުން މަނާ ކުރުމަށް އިރާގުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
އިރާގުގެ މަޖިލިސް މެމްބަރުން ކަމަށްވާ ކާމިލް އަލް ގުރައިރީ އާއި މުހައްމަދު ސާދޫން ވިދާޅުވި ގޮތުގައި އެނިންމުން ފާސްކުރީ ގާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތުންނެވެ. އަދި އެނިންމުމާ އެއްގޮތަށް ސަރުކާރުން އަމަލު ކުރަން ޖެހޭނެ ކަމަށްވެސް ދެބޭފުޅުން ވިދާޅުވިއެވެ.
އެހެން ނަމަވެސް އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ޝެއިޚް ހުމާމް ހަމޫދީ ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ނިންމުމަކީ އިރާގުގެ ސަރުކާރަށް އެރުވި ލަފައެއް ކަމަށާއި، އެއަށް ސަރުކާރުން އަމަލު ކުރަން ލާޒިމު ނޫން ކަމަށެވެ.
އެހެން ނަމަވެސް، އިރާގު ހިމެނޭ ގޮތަށް ހަތް ގައުމެއްގެ މީހުން އެމެރިކާއަށް ވަނުން މަނާކުރަން ނިންމި ނިންމުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް އެމެރިކާ ސަރުކާރަށް ޕްރެޝަރު ކުރުމަށް އެމެރިކާގެ ކޮންގްރެސްއަށް ޝައިޚް ހަމޫދީ ގޮވާލެއްވިއެވެ.
ގާނޫނު ހަދާ މަޖިލީހުން މިފަދަ ނިންމުމެއް ފާސްކުރި ނަމަވެސް، އޭގެ ސަބަބުން އިރާގުގައި ތިބި އެމެރިކާ ސިފައިންނާއި، އެހީ ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކާއި، ތެޔޮ ކުންފުނިތަކާއި އެމެރިކާގެ އެހެނިހެން ކުންފުނިތައް އިރާގު ދޫކޮށް ދާން ޖެހޭނެ ކަން މަޖިލިސް މެމްބަރުން ހާމަކޮށްފައި ނުވެއެވެ.
އަދި އެ ނިންމުމުގެ ސަބަބުން މޫސަލްއިން އައިއެސް ފޮނުވާލުމަށް ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތަށް ބުރޫ އަރާނެ ކަން އަދި ޔަގީންވެފައި ނުވެ އެވެ.
އިރާގުގެ ގާނޫނު ހަދާ މަޖިލީހުން އެފަދަ ނިންމުމެއް ފާސްކުރީ އިރާގުގެ އިތުރުން އިރާން، ސީރިއާ، ލީބިއާ، ޔަމަނު، ސޫދާން އަދި ސޯމާލިއާގެ ރައްޔިތުން ތިން މަސް ވަންދެން އެމެރިކާއަށް ދިޔުން މަނާ ކުރުމުގެ ސަބަބުން ހަތަރު މަސް ވަންދެން އެގައުމުގެ ރެފިއުޖީ ޕްރޮގްރާމް ހުއްޓާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރެއްވުމާ ގުޅިގެންނެވެ. (އޭޕީ)