ދަތުރުކުރާ އިރު ލިބޭ ބެގޭޖް އެލަވަންސަށް ވުރެ އިތުރުވާ ބެގޭޖަށް އޮންލައިންކޮށް، ކުރިއާލައި ފައިސާ ދެއްކޭނެ ޚިދުމަތް ސްރީލަންކަން އެއާލައިންސްއިން ތައާރަފުކޮށްފި އެވެ.

ސްރީލަންކަން އެއާލައިންސްއަކީ މާލެއާއި ސްރީލަންކާއާ ދެމެދު އެންމެ ގިނަ ދަތުރުކުރާ އެއާލައިނެވެ. އަދި އައްޑޫ ސިޓީގެ ގަމަށް ދަތުރުކުރާ ހަމައެކަނި އިންޓަނޭޝަނަލް އެއާލައިނެވެ. އެ އެއާލައިނުގެ އިކޮނޮމީ ކްލާހުން ކޮންމެ ފަސިންޖަރަކަށް ވެސް ދެނީ 30 ކިލޯގެ ބެގޭޖް އެލަވަންސެކެވެ.

ޔޫއެލްގައި ރާއްޖެއާ ކޮލޮމްބޯއާ ދެމެދު ދަތުރުކުރާ ފްލައިޓުތަކަށް ދީފައިވާ ބެގޭޖް އެލަވަންސަށް ވުރެ އިތުރުވާ ކޮންމެ ކިލޯއަކަށް ނަގަނީ 10 ޑޮލަރެވެ. މިއީ އެ އެއާލައިނުން އެކްސެސް ބެގޭޖް ޗާޖުގެ ގޮތުގައި ނަގާ އެންމެ ކުޑަ އަގެވެ.

ސްރީލަންކަން އެއާލައިންސްއިން މިއަދު ބުނި ގޮތުގައި، އެ އެއާލައިނުގެ ފަސިންޖަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެލަވަންސަށް ވުރެ އިތުރުވާނެ، އެކްސެސް ބެގޭޖަށް ކުރިއާލައި، އޮންލައިންކޮށް ފައިސޭ ދެއްކޭނެ ޚިދުމަތް މިހާރު ވަނީ ފަށައިފަ އެވެ އެގޮތަށް ފައިސާ ދައްކާ ފަރާތްތަކަށް ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށް ސްރީލަންކަންއިން ބުނެ އެވެ.

ރިޒަވޭޝަން ހަދާ ވަގުތުން ފެށިގެން، ދަތުރު ކުރުމުގެ 24 ގަޑިއިރު ކުރިއާ ހަމައަށް، އެކްސެސް ބެގޭޖަށް ކުރިއާލައި ފައިސާ ދެއްކޭނެ ކަމަށް ސްރީލަންކަންއިން ބުނެ އެވެ.