އިތުރަށް ކިޔެވަން ބޭނުންވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލޯން ސުކީމެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ، އެ ލޯނު ސުކީމް ތައާރަފު ކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްއައިބީން ވަރަށް ރަނގަޅު އެއްބާރުލުމެއް އެކޮމިޝަނަށް ދީފައިވާ ކަމަށާއި އުއްމީދު ކުރަނީ އަންނަ މަހުގެ ތެރޭގައި ލޯން ސުކީމް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.

ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަމީމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުހައްމަދު

އެ ލޯނު ސުކީމުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ކިިޔަވަން ބޭނުންވާ ކޮންމެ މުވައްޒަފަކަށް ވެސް ބައިވެރިވެވޭނެ އެވެ.

"މިއަންނަ މަހު އަޅުގަނޑުމެން އުއްމީދު މިކުރަނީ ސިވިލް ސާވަންޓުންނަށް ހާއްސަކުރެވިގެން ލުއި ގޮތެއްގައި ސްޓަޑީ ލޯން ސުކީމެއް ތައާރަފް ކުރުމަށް. އެހެންކަމުން ސިވިލް ސާވަންޓުންގެ ތެރެއިން ކޮންމެ މުވައްޒަފަކަށް ވެސް، އިތުރަށް ކިޔަވަން ބޭނުންވާ މުވައްޒަފުންނަށް ފަސޭހަކަމާ އެކުގައި ލޯނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ލޯނު ސުކީމުގެ ސަބަބުން ސިވިލް ސާވަންޓުންނަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އަމިއްލަ މަސައްކަތްތެރިކަމާއި، އިލްމީ ގާބިލްކަން އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވި އެވެ.

އޭނާގެ ވާހަކަފުޅުގައި ސިވިލް ސާވަންޓުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ކުރާ މަސައްކަތާއި ޒަމާނާއި އަގުތަކަށް އަންނަ ބަދަލާ އެކު އެކަށޭނަ ރަނގަޅު މުސާރައެއް ސިވިލް ސާވަންޓުންނަށް ހަމަޖެހިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޝަމީމް ވިދާޅުވި އެވެ.