ދުނިޔޭގެ ހަތް ގައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ވަނުން މަނާކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަންފީޒުކުރައްވަން ފަށާފައިވާ ސިޔާސަތު، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމަށް އދ.ގެ ހައިކޮމިޝަނާ ފޮ ހިއުމަން ރައިޓްސް ޒައިދު ރާޢަދު އަލް ހުސައިން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ވަނީ ހަތް ގައުމެއްގެ ރެފިއުޖީން އެގައުމަށް ވަނުން، ތިން މަސް ދުވަހަށް މަނާކޮށްފަ އެވެ. އެ ގައުމުތަކަކީ އިރާގު، ސީރިއާ، އިރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނެވެ.

މިކަމާ ގުޅިގެން އެމެރިކާ އާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ މުޒާހަރާކުރަމުންނެވެ.

މި މައްސަލައިގައި އދ.ގެ ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ޒައިދު ރާޢަދު އަލް ހުސައިން ވިދާޅުވީ ވަކި ގައުމަކަށް ނިސްބަތްކޮށް ތަފާތުކުރުން ގެންގުޅުމަކީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކުގެ ދަށުން މަނާކަމެއް ކަމަށެވެ.

ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ވިދާޅުވީ، އެމެރިކާއިން ނެރުނު އެ ޓްރެވަލް ބޭންއަކީ ބަޔަކާ މެދު އިހާނެތިކޮށް ހިތުމަށް ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށާއި އެއީ ޓެރަރިޒަމް ހުއްޓުވުމަށް ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ ބޭނުން ބޭކާރުގޮތުގައި ހިފުން ކަމަށް ބެލެވޭ ކަމަށެވެ.

ހަތް ގައުމެއްގެ މީހުން އެމެރިކާއަށް ވަނުން މަނާކުރީ ތިން މަސް ދުވަހަށެވެ. މީގެ އިތުރުން، އެކި ގައުމުތަކުގެ ރެފިއުޖީން އެމެރިކާއިން ބަލައިގަތުމުގެ ޕްރޮގްރަމް ވެސް ވަނީ، ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލައިފަ އެވެ.