31 Jan 2017, 14:56
މިދިޔަ އަހަރު ނިމުނު އިރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކުންފުނި (އެމްޓީސީސީ) އަށް 104 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
އެކުންފުނިން އާންމުކޮށްފައިވާ، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހަތަރު ވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައި ވަނީ 43 މިލިއަން ރުފިޔާ އެވެ. ޓެކްސްތަކާ އެހެނިހެން ޚަރަދުތައް ކަނޑާލުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 31 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 29.8 މިލިއަން ރުފިޔާ އެވެ. ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 29.3 މިލިއަންއަށް ދަށްވެ، ތިން ވަނަ ކުއާޓަރުގައި އެ އަދަދު 14.4 މިލިއަނަށް ވެއްޓުނެވެ. ނަމަވެސް އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނީގެ ސާފު ފައިދާ ވަނީ 115.1 ޕަސެންޓު އިތުރުވެފަ އެވެ.
މިދިޔަ އަހަރު އެމްޓީސީސީ އިން 65 މަޝްރޫއެއްގެ މަސައްކަތް ފަށާފައިވާ އިރު، ހަ މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާލައިފަ އެވެ. މިހާރު ވެސް 59 މަޝްރޫއެއް އެކުންފުނިން ކުރިއަށް ގެންދާކަމަށް އެމްޓީސީސީ އިން ބުނެ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުނީގެ ދެ ބޯޑު މީޓިން ބާއްވައި އާ އޯގަނައިޒޭޝަނަލް ސްޓްރަކްޗާއެއް ވަނީ ފާސްކޮށްފަ އެވެ.