31 Jan 2017, 14:02
އަމިއްލަ ކާރާއި ސައިކަލާއި އެހެން އެއްގަމު އުޅަނދުތައް ބޭނުންކޮށްގެން ޓެކްސީގެ ކުރެވޭ ގޮތަށް "ޑްރޮޕް އޮފް ސާވިސް" ރާއްޖެއަށް ތައާރަފް ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވެއްޖެ އެވެ.
ޓްރޯންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާފިޒު ވިދާޅުވީ ޑްރޮޕް އޮފް ސާވިސްދޭ ގައުމުތަކަށް ބަލާ އިރު، އެޚިދުމަތަކީ ވަރަށް ކާމިޔާބު އަދި ބޭނުންތެރި ޚިދުމަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން ބަލަމުން ދަނީ ވީހާ ވެސް ގިނަ ބަޔަކަށް އިގްތިސާދީ ނަފާ ލިބޭ ގޮތަށް، ޚިދުމަތެއް ތައާރަފް ކުރެވެން އޮތްކަމަށްވާ ނަމަ އެކަމެއް ރާއްޖެއަށް ތައާރަފްކުރުން ކަމަށެވެ.
"ޑްރޮޕް އޮފް ސާވިސްގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި މިއޮތީ ކޮންމެ ބޭފުޅަކު ވެސް އެބޭފުޅަކު ގެންގުޅުއްވާ ވެހިކަލް އަކުން އިގްތިސާދީ ނަފާ ލިބޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތަކާއި ގަވާއިދުތައް ބައްޓަން ކުރުން،" ނާފިޒު ވިދާޅުވި އެވެ.
އެ ޚިދުމަތް ތައާރަފްކުރަން ނިންމާފައިވާ އިރު، ޚިދުމަތް ދިނުމަށްޓަކައި އެ އުޅަނދުގެ ބޯޑަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. ޕްރައިވެޓް ބޯޑުގައި، "ޓެކްސީ ބޯޑު ޖެހުމެއް ނެތި މި ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ. އެ ޚިދުމަތް ވެގެންދާނީ ފަސޭހަ އަދި މީހުން ވަރަށް ބަލައިގަންނަ ޚިދުމަތެއްގެ ގޮތުގައި ކަމަށް ނާފިޒް ވިދާޅުވި އެވެ.
މީގެ އިތުރުން ނާފިޒު ވިދާޅުވީ، މިޚިދުމަތާ ގުޅިގެން ޓެކްސީ ޚިދުމަތުގެ ޑިމާންޑަށް ބަދަލެއް އައުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އެގޮތުން، މި ޚިދުމަތުގެ އަގު ޓެކްސީ އަގަށް ވުރެ ކުޑަ ވިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަގު ކޮންޓްރޯލް ކުރާނަން، ޓެކްސީއާ ސައިކަލް ޓެކްސީގެ އަގުތަކަށް ތުރެ އެޚިދުމަތުގެ އަގު ކުޑަ ވެގެންނެއް ނުވާނެ. އެގޮތަށް އޮތީމަ މިދެންނެވި ބޭފުޅުންގެ ވިޔަފާރި ވެސް އަޅުގަނޑުމެންނަށް ހިމާޔަތް ކޮށްދެވޭނެ،" ނާފިޒު ވިދާޅުވި އެވެ.