ސައިކަލު ޓެކްސީ ކުރުމަށް ސަރުކާރުން ހުޅުވާލާފައި ވަނީ، ޚިދުމަތްދޭ ސެންޓަރުގެ އަމިއްލަ ސައިކަލުތަކުގައި ޚިދުމަތް ދިނުމަށް ނޫން ކަމަށާއި ޚިދުމަތުގައި ބޭނުން ކުރުމަށް އަމިއްލަ ފަރާތްތަކުގެ ސައިކަލު ވެސް ބޭނުން ކުރެވިދާނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ބުނީ ސައިކަލު ޓެކްސީގެ ޚިދުމަތް އަތޮޅުތެރެއަށް ވެސް ހުޅުވާލާފައިވާ ކަމަށާއި، ޚިދުމަތް ދިނުމަށް ބޭނުން ކުރާ ސައިކަލުތަކަކީ ކޮންމެހެން ޚިދުމަތްދޭ ސެންޓަރުގެ އަމިއްލަ ސައިކަލުތަކަކަށް ވުން މަޖުބޫރު ނޫން ކަމަށެވެ. އެގޮތުން ސައިކަލު ގެންގުޅުއްވާ 20 ފަރާތެއްގެ ސައިކަލު ބޭނުންކޮށްގެން ޚިދުމަތް ދިނުމަށް، ކުންފުންޏެއް ރަޖިސްޓްރީކޮށް ކުންފުނީގެ ދަށުން ޓެކްސީ ސެންޓަރުގައި އެ ސައިކަލުތައް ރަޖިސްޓްރީކޮށްގެން ވެސް ޚިދުމަތް ދެވިދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ގިނަ ރަށްތަކުގައި ޓެކްސީގެ ހިދުމަތް އަދިވެސް އެކަށީގެންވާ ފެންވަރެއްގައި ނުދެވޭ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"ސައިކަލު ޚިދުމަތްދޭ ސެންޓަރާ 20 ސައިކަލު ބައިވެރިވީމާ ސައިކަލް ޓެކްސީގެ ޚިދުމަތް ފޯރުކޮށްދެވޭނެ އެފަރާތަށް. މާނަ އަކީ ސައިކަލު ޓެކްސީ ސެންޓަރުގައި ރަޖިސްޓްރީ ކުރެވިފައި ހުންނަ ސައިކަލަކީ ނުވަތަ އެ ފަރާތުން 20 ސައިކަލު ހޯދާކަށް ނުޖެހޭނެއޭ. ސައިކަލު ގެންގުޅުއްވާ ފަރާތްތަކުން 20 ފަރާތެއްގެ ސައިކަލު ބޭނުންކޮށްގެން ޚިދުމަތް ފެށިދާނެ،" ޓްރާންސްޕޯޓު މިނިސްޓްރީގެ އަބްދުﷲ އިމްތިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައިކަލު ޓެކްސީގެ ހިދުމަތް ފަށަން ސަރުކާރުން ނިންމާފައި ވަނީ ހަރަދު ކުޑަގޮތަކަށް ފަސޭހަކަމާ އެކު ވީހާ ވެސް ގިނަ ބަޔަކަށް އެ ހިދުމަތް ދެވޭ ގޮތަށް ކަމަށެވެ.

ސައިކަލު ޓެކްސީގެ ޚިދުމަތް މާލޭގައި ފެށުމާ އެކު އެކަމަށް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. ސައިކަލު ޓެކްސީގެ ދަތުރެއްގެ އަގަކީ 10 ރުފިޔާ އެވެ.