31 Jan 2017, 13:50
މި އަހަރު ސިވިލް ސާވިސްގެ ހިންގުމަށާއި ހިދުމަތަށް އިސްލާހީ ގިނަ ބަދަލުތަކެއް އަންނާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ.
ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ، ސިވިލް ސާވިސްގެ މުވައްޒަފުންގެ އަހުލާގަކީ ވަރަށް ގިނަ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވާ ކަމެއް ކަމަށާއި މަދު މުވައްޒަފުންތަކެއްގެ އަމަލުތައް ހުންނަ ގޮތުން ސިވިލް ސާވިސްގެ ތަސައްވުރު ތަޣައްޔަރުވަމުންދާ ކަމަށެވެ.
ޝަމީމް ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަނާއި ސިވިލް ސާވިސްގެ އެންމެހައި މުވައްޒަފުން ގުޅިގެން މަސައްކަތް ކުރަމުންދަނީ، ސާކުގެ ގައުމުތަކުގެ ތެރޭގައި އޮތް އެންމެ ކުރިއަރާފައިވާ ހިދުމަތްދޭ ތަނަކަށް ހެދުމަށްޓަކައި ކަމަށެވެ.
ޝަމީމްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ކޮންމެ 18 ރައްޔިތަކަށް ސިވިލް ސާވަންޓެއް ހުރި އިރު، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކާ މެދު އެ ރައްޔިތުން ހިތްހަމަ ޖެހެނީ ކިހާވަރަކަށްތޯ ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ދެވޭ ހިދުމަތްތަކާ މެދު ރައްޔިތުންގެ ހިޔާލު ހުރި ނެތްގޮތް ހޯދުމުގެ ގޮތުން ސާވޭއެއް ހެދުމަށް ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
އޭނާ ވިދާޅުވީ، ސިވިލް ސާވިސްގެ ހިންގުމާއި ހިދުމަތަށް އިސްލާހީ ބަދަލުތައް ގެންނަ އިރު، މިހާރު މަސައްކަތް ކުރަމުންދަނީ، މިނިސްޓްރީތަކުގެ ހިއުމަން ރިސޯސް އޮޑިޓްތަކެއް ހެދުމުގެ މަސައްކަތް ކަމަށެވެ.
"މިހާރު ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ، ސަރުކާރުގެ އެދި ވަޑައިގަތުމަކަށް ހުރިހާ މިނިސްޓްރީތަކުގައި އިންސާނީ ވަސީލަތްތައް ގާއިމްކޮށް އެކުލަވައިލާ ބޭނުން ކުރަމުން ދަނީ ކޮން ފެންވަރެއްގައި ކޮން ގޮތަކަށްތޯ ބެލުމަށް ހިއުމަން ރިސޯސް އޮޑިޓްތަކެއް ހަދަމުން މިގެންދަނީ. އަށް މިނިސްޓްރީއެއްގެ އޮޑިޓް ވަނީ ހަދާ ނިމިފައި، އެ ރިޕޯޓް ސަރުކާރާ ހިއްސާ ކުރެވިފައި،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބާކީ ހުރި ހަތް މިނިސްޓްރީއެއްގެ ހިއުމަން ރިސޯސް އޮޑިޓްގެ މަސައްކަތް މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އޭނާގެ ވާހަކަފުޅުގައި އިދާރީ މުވައްޒަފުންނަށް މުސާރައާއި އިނާޔަތުގެ ކުރިއެރުން ނުލިބޭތާ ދުވަސްތަކެއް ވެފައިވާކަން ފާހަގަ ކުރައްވާ ވިދާޅުވީ، އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ޕޭ ކޮމިޝަނުން ދައުލަތުގެ އޮފީސްތަކުގައި މަސައްކަތް ކުރާ ބޭފުޅުންގެ މުސާރައާއި އިނާޔަތްތައް ހަމަޖެހިފައިވާ ގޮތްތައް ދިރާސާކޮށް، ގައުމަށް ލިބޭ އާމްދަނީ ކުރިއަރަމުންދާ ނިސްބަތުން، ސިވިލް ސާވަންޓުންނާއި އެހެން މުވައްޒަފުންނަށް ވެސް ދެވެން އޮތޯ ކޮންކޮން މުސާރަތަކަކާއި އިނާޔަތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝަމީމްގެ ވާހަކަފުޅުގައި 2009 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ފަސްހާހަށް ވުރެ ގިނަ މުވައްޒަފުން ކުރު މުއްދަތުގެ ކޯސްތައް ފުރިހަމަ ކޮށްފައިވާ ކަމަށާއި ދިގު މުއްދަތުގެ ކޯސްތަކުން 400 އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީނު ވެފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި މި އަހަރުގެ ކޯސްތަކުގައި ބައިވެރިވި މުވައްޒަފުން އެއްވެސް ދުވަހެއް ވައްޓާނުލައި ކްލާސްތަކަށް ހާޒިރުވުމަށް އިލްތިމާސް ކުރެއްވި އެވެ.