ހދ. ކުޅުދުއްފުށީ ކުރީގެ ކުޑަކަތީބު މުހައްމަދު ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގު ނިންމައި ހަތް އަހަރު ފަހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުހައްމަދު ގާސިމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 2008 ވަނަ އަހަރު މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި ގެދޮރުހެދުމުގެ ދަތިކަން ހުރި ފަރާތްތަކަށް ގެދޮރުހެދުމަށް 100 މިލިއަން ރުފިޔާގެ ލޯން ސުކީމެއް ހުޅުވާލުމާ ގުޅިގެން އެ ސުކީމުން ލޯނު ލިބޭނެ ކަމަށް ކަނޑައެޅުނު ފަރާތްތަކުގެ ތެރެއިން ކުޅުދުއްފުށީ އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ލޯނުގެ ދެވަނަ ޕޭމަންޓް ހޯދައިދިނުމުގައި ކުޅުދުއްފުށީ އޮފީހުން ހަގީގަތާ ޚިލާފަށް މައުލޫމާތު ދީގެން އޭނާ އަށް ލޯނު ހޯދައިދީފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 2008 ވަނަ އަހަރު ހައުސިން މިނިސްޓްރީން ތައާރަފްކުރި "ހިޔާވަހިކަމަށް ދޫކުރެވޭ ލުއި ލޯން ސުކީމް"ގެ ދަށުން އެޗްޑީއެފްސީ އިން އަމިއްލަ ފަރާތަކަށް ލޯނުގެ ފައިސާ ދޫކުރާނީ އިމާރާތްކުރެވޭ މިންވަރަށް ބަލައި، ބައިބަޔަށް ބަހާލައިގެންކަން، އެޗްޑީއެފްސީ އާއި އެފަރާތާ ދެމެދު 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ވެފައިވާ ލޯނު އާއި ރަހުނުގެ އެއްބަސްވުމުން އެނގޭ ކަމަށެވެ.

އޭސީސީން ބުނީ ލޯނުގެ ދެވަނަ ޕޭމަންޓަށްވާ 70,000 ރުފިޔާ އެ ކޯޕަރޭޝަނުން ދޫކޮށްފައި ވަނީ، ލޯނުގެ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި ދޫކޮށްފައިވާ 30,000 ރުފިޔާ ދޫކުރުމަށް ފަހު، އިމާރާތްކުރަން ހަމަޖެހިފައިވާ ގޯތީގައި މަސައްކަތް ކޮށްފައިވާ މިންވަރު ބެލުމަށް ޓަކައި، ހދ.ކުޅުދުއްފުށީ އޮފީހަށް އެ ކޯޕަރޭޝަނުން ފޮނުވާފައިވާ ފޯމުގައި، އެ ގޯތީގައި ކޮންކްރީޓް ފައުންޑޭޝަން އަޅައި ނިމިފައިވާކަމަށް، އެ ފޯމު ފުރިހަމަކުރި ފަރާތް ބަޔާންކޮފައި ވާތީ ކަމަށެވެ. ނަމަވެސް، 2013 ވަނަ އަހަރުގެ ޖޫންމަހާ ހަމައަށް ވެސް އެ ގޯތީގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން 2013 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހު ތައްޔާރުކޮށްފައިވާ ލިޔުމުން އެނގޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެޗްޑީއެފްސީ އިން ދޫކުރި ލޯނަށް އެދުނު ފަރާތް ހުށަހަޅާފައިވާ ފޯމުގައި އޭނާ ރަނގަޅަށް ދަންނަ މީހެއްގެ މައުލޫމާތު ހުށަހަޅާ ބައިގައި ހދ. ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބުގެ ނަން ޖަހާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ލޯނަށް އެދުނު ފަރާތުގެ ލޯނަށް ގެރެންޓީ ދޭ ފަރާތުގެ ގޮތުގައި ހަމަޖައްސައިދިނުމަށް ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބު އެޗްޑީއެފްސީ ގައި އެދިފައިވާތީ، ލޯނަށް އެދުނު ފަރާތާއި ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބަކީ ގާތް ގުޅުމެއް އޮންނަ ދެފަރާތްކަން އެނގޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ެއެހެންކަމުން ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބު އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލޯނަށް އެދުނު ފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން، ތަޙްޤީޤަށް ލިބިފައިވާ ކިތާބީ އަދި ޝަފަހީ ހެކިތަކުން އެނގެން އޮންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ކުޅުދުއްފުށީ ކުރީގެ ކުޑަކަތީބު މުހައްމަދު ގާސިމް މިއަދު ސަން އަށް ވިދާޅުވީ ލޯނަށް އޭނާ ބެންކު ގެރެންޓީ ދިންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އޭނާ ވިދާޅުވީ މައްސަލަ ރައްދުވާ މީހާ އަކީ ރަށު އޮފީހުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރި މީހެއް ކަމަށާއި އެޗްޑީއެފްސީ އަށް ފޮނުވި ފޯމުގައި އޮޅިގެން ނުބައި މައުލޫމާތު ހިމެނުނީ ކަމަށެވެ.

އެކަމަކީ ކޮރަޕްޝަންގެ އަމަލެއް ނޫން ކަމަށާއި އެއީ އިހުމާލުން އޭނަ އަށް ކުރެވުނު ކަމެއް ކަމަށް މުހައްމަދު ގާސިމް ވިދާޅުވި އެވެ.

"އެއީ ކޮރަޕްޝަންގެ އަމަލެއް ނޫން. އެއީ އަޅުގަނޑުގެ އިހުމާލެއްކަން އަޅުގަނޑު އެއްބަސްވަން،" މުހައްމަދު ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ އަހަރުތަކަކަށް ފަހު އެފަދަ ކުޑަ މައްސަލައެއްގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަނު ނިންމައި ޕީޖީ އަށް ފޮނުވައި އަދި މީޑިއާ އަށް އެ މައުލޫމާތު ހިއްސާކުރީތީ ވަރަށް ހައިރާންވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ހައިރާން ވެއްޖެ. އިތުރަށް ދަންނަވާނެ ވާހަކައެއް ނެތް،" މުހައްމަދު ގާސިމް ވިދާޅުވި އެވެ.